ޚަބަރު

ޔަހޫދީ ސިފައިން ފަލަސްޠީނުގެ ޒުވާން އަންހެން ކުއްޖަކު ޝަހީދުކޮށްލައިފި


އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް އަރައި ޔަހޫދީ އިސްރާޢީލުގެ ސިފައިން ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ޒުވާން އަންހެން ކުއްޖަކު ޝަހީދުކޮށްލައިފިއެވެ. ޔަހޫދީންގެ ސިފައިން ޖަނީންގައި ހިންގި އުދުވާންތަކުގައި ޝަހީދުކޮށްލާފައި ވަނީ 16 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ، ޝަހީދުކޮށްލާފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ޓެރެސްގައި ހުއްޓައި ޔަހޫދީންގެ ޓެރެރިސްޓް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައެވެ.

މި ހަމަލާއާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ފަލަސްޠީނުގެ ބޮޑުވަޒީރު އިސްމާޢީލް ޝްޠައްޔާ ވިދާޅުވީ ޝަހީދުކޮށްލާފައި ވަނީ ޖަނާ ޒަކަރްނާ ކިޔާ ކުއްޖެއް ކަމަށާއި، އޭނާ ގަތުލުކޮށްލާފައި ވަނީ ޔަހޫދީންގެ ޓެރެރިސްޓް ސިފައިން ސްނައިޕަރ ބަޑި ބޭނުންކޮށްގެން ދިން ނުރައްކާތެރި ހަމަލާތަކެއްގައި ކަމުގައެވެ.

މި ހާދިސާ ހިނގާފައި ވަނީ ހުޅަނގު އައްސޭރީގެ އިރުމަތީގައި އޮންނަ ޖަނީންގައި ރެފިޔުޖީ ކޭމްޕެއް ހުންނަ ސަރަޙައްދެއްގައެވެ. އެ ސަރަޙައްދަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ އިސްލާމިކް ޖިހާދާއި ހަމާސްގެ މުޖާހިދުން ހަރަކާތްތެރިވާ ސަރަޙައްދެއް ކަމަށާއި، ހަމަލާދީފައި ވަނީ މުޖާހިދުންގެ ބަޔަކަށް އަމާޒުކޮށް ކަމުގައި ޔަހޫދީންގެ ސިފައިން ބުނެއެވެ.

16 އަހަރުގެ ޒަކަރުނާ ޝަހީދުކޮށްލުމަށް ފަހު އިސްރާޢީލުގެ ބޮޑުވަޒީރު ޔައިރު ލަޕިދު ވަނީ އެ ކަމާ ހިތާމަފާޅު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، އެ ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، މި ހާދިސާ ހިނގި ގޮތް ތަހުޤީޤު ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީންގެ ސިފައިން ޖަނީންއަށް އަރައި އެންމެ ފަހުން ހިންގި އުދުވާންތަކުގައި ފަލަސްޠީނުގެ 18 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ތިން މީހަކީ ޓެރެރިސްޓުންގެ ގޮތުގައި ޔަހޫދީން ސިފަ ކުރެއެވެ. މި ފަދަ އުދުވާންތައް ހިންގުން އިސްރާޢީލުން މިހާރު ވަނީ ޢާންމު ކަމަކަށް ހަދާފައެވެ.

ޔަހޫދީންގެ ޓެރެރިސްޓު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ އުދުވާންތަކުގައި މިހާތަނަށް ފަލަސްޠީނުގެ 165 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންނެވެ. މި އުދުވާންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުކޮށްލާފައި ވާއިރު، މި އަހަރަކީ އެންމެ ލޭ އޮހޮރުވުންތައް ގިނަ އަހަރުގެ ގޮތުގައި ފާހަގަ ކުރެވެއެވެ.