އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ގަލްފުގެ ޢަރަބި ޤައުމުތަކަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އީރާނުން އެ ފަދަ ހަތިޔާރެއް އުފައްދައިފި ނަމަ، އެ ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ބުނެފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢުދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ ވެރިރަށް އަބޫ ދާބީގައި ކުރިއަށްދާ ވޯރލްޑް ޕޮލިސީ ކޮންފަރެންސްގައެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެމެރިކާއާއި ހުޅަނގުން އިސްވެ އޮވެ، އެ ޤައުމާއެކު 2015ވަނަ އަހަރު ވަނީ އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، 2018ވަނަ އަހަރު އެ އެއްބަސްވުމަށް އަމަލުކުރުން އެމެރިކާއިން ވަނީ ހުއްޓައިލާފައެވެ.
އެއްބަސްވުން އުވައިލުމާއެކު އީރާނުން ވަނީ ނިއުކްލިޔަރ ޕުރޮގުރާމުގެ މަސައްކަތްތައް ފުޅާކޮށް، ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކޮށްފައެވެ. މި ކަމާ ގުޅިގެން އ.ދ.ގެ ނިއުކްލިޔަރ ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައި.އޭ.އީ.އޭ)އިން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ނިއުކްލިޔަރ އެއްބަސްވުމަށް އަލުން ރުޖޫޢަވުމާ ގުޅޭ ގޮތުން ކުރަމުންދިޔަ މަޝްވަރާތަކަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
"އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ކަންބޮޑުވާ ކަމެއް. މުޅި މި ސަރަޙައްދު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދާނެ. އަދި، މި ސަރަޙައްދުގެ ޤައުމުތަކުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެ،" ސަޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އީރާނާ އެކު ހުޅަނގުން ހަދާފައިވާ އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަޢޫދީ ޢަރަބިއްޔާއިން މަރުޙަބާ ކިޔާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އަދި، އަލަށް އެކުލަވައިލާ އެއްބަސްވުމަކީ ވަރަށް ހަރުދަނާ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އީރާނުގައި ހިނގަމުންދާ މުޒާހަރާތަކާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން، އެއްބަސްވުމާ ގުޅޭ މަޝްވަރާތަކަށް ވަނީ ހިޔަނިއެޅިފައެވެ.
އީރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ ބޮޑެތި މުޒާހަރާތައް ފެށުނީ، 22 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ މަޙްސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ހާދިސާއާ ގުޅިގެންނެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އީރާނުގެ އަމަން ބަލަހައްޓާ ފައުޖުތަކުން ބާރުގެ ބޭނުން ކުރަމުންދާއިރު، ހަމަނުޖެހުންތަކުގައި ޢާންމުންގެ 300އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ ކަމުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ.
"ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން މަސައްކަތް ނުކުރާ ކަމަށާއި، އެ ފަދަ ހަތިޔާރެއް އުފައްދަން ބޭނުން ނުވާ ކަމަށް ވެސް އީރާނުން ދަނީ ބުނަމުން. ނަމަވެސް، އީރާނުގެ ބަސްތަކަށް އިތުބާރު ކުރެވޭނީ އެ ޤައުމުގެ އަމަލުތަކުން އެ ކަން ސާބިތުކޮށްދިނުމުން،" ޕްރިންސް ފައިޞަލް ވިދާޅުވިއެވެ.
ނިއުކްލިޔަރ ޕުރޮގުރާމަކީ މަދަނީ ބޭނުންތަކަށް ކަރަންޓު އުފައްދަން ހިންގާ ޕުރޮގުރާމެއް ކަމުގައި އީރާނުން ބުނަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމުގައި އުފައްދާފައިވާ ޑްރޯންތަކެއް ރަޝިޔާއިން ވިއްކާފައިވާ ކަމަށް އެމެރިކާއާއި ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ. އީރާނުގެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރެއިނުގެ ޢާންމު ރައްޔިތުންގެ އަމާޒުތަކަށް ހަމަލާދެމުންދާ ކަމުގައި ހުޅަނގުން ތުހުމަތު ކުރެއެވެ.