ޚަބަރު

ރަޝިޔާއާއި އީރާނުން ގުޅުން ބަދަހިކުރާތީ އެމެރިކާއިން ނުރުހުންވެއްޖެ


ރަޝިޔާއާއި އީރާނާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމާ ގުޅިގެން އެމެރިކާއިން އެ ކަމާ ނުރުހުން ފާޅުކޮށްފިއެވެ. އެ ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމަކީ ޔޫކްރެއިނުގެ އިތުރުން އީރާނުގެ އަވަށްޓެރިންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާއިން ސިފަ ކުރެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އީރާނުގައި އުފައްދާފައިވާ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކުރާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. ޔޫކްރެއިނުން ވެސް ވަނީ އެ ފަދަ ތުހުމަތުތަކެއް އީރާނަށް ރައްދުކޮށްފައެވެ. ނަމަވެސް، އީރާނުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

ރަޝިޔާއާއި އީރާނަކީ އަބަދުވެސް އަސްކަރީ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހި ދެ ޤައުމެވެ. ނަމަވެސް، ދާދިފަހުން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަސްކަރީ މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ އިތުރުން ޑްރޯން ފަދަ ހަތިޔާރު ވިއްކުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ. މިއީ، އެމެރިކާއިން އެއްވެސް ވަރަކަށް ރުހޭ ކަމެއް ނޫނެވެ.

"ރަޝިޔާއިން ދަނީ އީރާނާ ގުޅިގެން ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުން. އަދި، އަސްކަރީ ތަމްރީނުތައް ބާއްވަން ތައްޔާރުވަމުން. އަދި، އީރާނުގެ ޑްރޯންތައް ރަޝިޔާގައި އުފައްދަން ފެށުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ދަނީ ފެތުރެމުން. އެ ފަދަ މަގަކުން ނުހިނގުމަށް އީރާނަށް ގޮވައިލަން،" މި ކަމާ ގުޅޭ ގޮތުން ނުރުހުން ފާޅު ކުރައްވަމުން ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވިއެވެ.

ރަޝިޔާއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީލީ ނެބެންޒިޔާ ވަނީ މި ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ. އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނެބެންޒިޔާ ވިދާޅުވީ، ރަޝިޔާއަކީ އަމިއްލައަށް އަސްކަރީ ހަތިޔާރާއި އުޅަނދުފަހަރު އުފެއްދުމުގެ ގާބިލުކަން އޮތް ޤައުމެއް ކަމުގައެވެ. އަދި، މި ކަމުގައި އެހެން ޤައުމެއްގެ އެހީތެރިކަން ރަޝިޔާއަށް ބޭނުން ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އީރާނުން ރަޝިޔާއަށް ޑްރޯން ވިއްކާ ކަމަށް އެމެރިކާއާއި ހުޅަނގުން ކުރަމުންދާ ތުހުމަތުތައް ވެސް އޭނާ ވަނީ ދޮގު ކުރައްވާފައެވެ. ނަމަވެސް، ޑްރޯން ވިއްކުމުގެ މައްސަލައިގައި އެމެރިކާއިން ވަނީ ރަޝިޔާގެ ތިން އިދާރާއަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައެވެ.

އެއީ، ރަޝިޔާގެ އަސްކަރިއްޔާގެ އޭރޯސްޕޭސް ފޯސްއާއި، ސްޓޭޓް ސެންޓަރ ފޯރ އަންމޭންޑް އޭވިއޭޝަންގެ އިތުރުން މިލިޓަރީ ޓްރާންސްޕޯޓް އޭވިއޭޝަން ކަމުގައި ކަރބީ ވިދާޅުވިއެވެ. އީރާނުން ޑްރޯން ހަތިޔާރު ގަތުމުގައި މި ތިން އިދާރާއިން ބައިވެރިވެފައިވާ ކަމުގައި ވެސް ކަރބީ ވިދާޅުވިއެވެ.

"ރަޝިޔާއާއި އީރާނާ ދެމެދު ހިންގާ މި ފަދަ އަސްކަރީ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުވަން އެމެރިކާގެ ބާރުގައި ދަށުގައި އޮތް ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން،" މި ކަމާ ދެކޮޅަށް އިންޒާރު ދެއްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވިއެވެ. އަދި، ރަޝިޔާއިން ވެސް އީރާނަށް ހަތިޔާރު ވިއްކަން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ.

ޔޫކްރެއިނަށް ހަމަލާދޭން އީރާނުން އުފައްދާފައިވާ ޑްރޯންތަކެއް ރަޝިޔާއިން ބޭނުން ކުރި ކަމަށް އީރާނުން ހުސްވި ނޮވެންބަރު މަހު ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އެ ޑްރޯންތަކަކީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުގެ ކުރިން އެ ޤައުމަށް ވިއްކާފައިވާ ހަތިޔާރުތަކެއް ކަމުގައި އީރާނުން ބުނެއެވެ. ޔޫކްރެއިނު ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 24ވަނަ ދުވަހުއެވެ.