އަރިދަފުސް ރޯގާއާއި ޑެންގީ ޖެހިގެން 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރިޕޯޓުކުރި މިންވަރަށްވުރެ މިއަހަރުގެ މިމުއްދަތުގައި ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބަލިތައް އޮތް މިންވަރު ދެނެގަނެ ބަލިތަކާއި މެދު ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންނަނީ ކޮންމެ މަހަކުވެސް ރިޕޯޓު ޢާއްމުކުރަމުންނެވެ. ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅުތަކާއެކު އެޗްޕީއޭއަށް ރިޕޯޓުކޮށްފައިވާ އެހެނިހެން ބަލިތަކުގެ ޢަދަދު މަދުވުމުން ތަފާސްހިސާބު އާއްމުކުރުމުގައި އެޗްޕީއޭއިން އަޅާކިޔަނީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުގެ ތަފާސްހިސާބާއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަހަރުގެ މިމުއްދަތުގައި އަރިދަފުސް ރޯގާ އާއި ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު 2019 ވަނަ އަހަރަށްވުރެ އިތުރުވެފައިވާކަމަށެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަރިދަފުސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ، 19853 މީހުންނެވެ. އަދި ނޮވެމްބަރުގައި ރިޕޯޓުކޮށްފައިވަނީ 20654 މީހުންނެވެ. މިއަހަރުގެ އޮކްޓޯބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 31750 މީހުންވަނީ ރިޕޯޓުކޮށްފައެވެ. އަދި ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 30552 މީހުންވަނީ ރިޕޯޓުކޮށްފައެވެ.
ޑެންގީޖެހުނު މީހުންވެސް 2019 ވަނަ އަހަރަށްވުރެ އެވްރެޖްކޮށް މިއަހަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން އެއަހަރުގެ އޮކްޓޯބަރު މަހު 327 ކޭސް އަދި ނޮވެމްބަރުގައި 349 ކޭސްވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް މިއަހަރުގެ އޮކްޓޯބަރު މަހު 626 ކޭސް އަދި ނޮވެމްބަރު މަހު 280 ކޭސްވަނީ ރިޕޯޓުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް އިންފުލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓުކުރެވުނު 1275 މީހުންގެ ތެރެއިން 148 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ކުޑަކުދިންގެ މެދުގައި ޢާއްމުކޮށްފެންނަ ހޭންޑް ފުޓް އެންޑް މައުތް ބަލި އިތުރުވެފައިވާކަން އެޗްޕީއޭއިންވަނީ ފާހަގަކުރައްވާފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ތެރޭގައި ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ރ.އަތޮޅާއި، ލ.އަތޮޅާއި، ނ.އަތޮޅުންނެވެ. އަދި އަރިދަފުސް ރޯގާ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޅ.އަތޮޅާއި، އދ.އަތޮޅާއި ބ.އަތޮޅުންނެވެ.
މިއަހަރުގެ ބޮޑު ބައެއްގައި ވިއްސާރަވުމާއި ގުޅިގެން އެހެން އަހަރުތަކަށްވުރެ މިއަހަރު މޫސުމީ ވިއްސާރައިގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވުމުގެ ފުރުސަތު އޮތުމުގެ ކަންބޮޑުވުން އެޗްޕީއޭއިން މީގެކުރިންވެސް އައީ ފާޅުކުރަމުންނެވެ. މިގޮތުން ވިއްސާރަވުމުގެ ސަބަބުން މަދިރިއާލާވެ މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރިޕޯޓުކުރާ މިންވަރު އިތުރުވެ، މަދިރިއާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ޢާއްމުންގެ ތެރެއަށް ނިކުމެ ނޫޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިރުޝާދު ދެއްވާފައެވެ.