ޚަބަރު

ރާއްޖޭގެ ވައި ސާފު މިންވަރު ދެނެގަތުމަށް ހުޅުމާލޭގައި ސްޓޭޝަނެއް ޤާއިމްކުރަނީ


ރާއްޖޭގެ ވައި ސާފު މިންވަރު ބެލުމަށް ޤާއިމުކުރާ، ސްޓޭޝަންތަކުގެ ތެރެއިން ސްޓޭޝަނެއް ބެލެހެއްޓުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްފިއެވެ. މިސްޓޭޝަން ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ހުޅުމާލޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ ޑަބްލިއު.އެޗް.އޯއިންވަނީ ރާއްޖެއަށް ހަދިޔާކުރި 2 ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަނެވެ. މިސްޓޭޝަން ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ވަނީ ރަސްމީކޮށް ޙަވާލުކޮށްފައެވެ. މިފަހުމުނާމާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފްއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މިސްޓޭޝަން މެދުވެރިކޮށް ލިބޭ ޑޭޓާ ބޭނުންކޮށްގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، އެޑޭޓާ އާންމުންނަށް ފެންނާނެހެން ޝާއިޢުކުރުމުގެ މަސައްކަތް އެޗްޑީސީއާއި މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އެއަރ ކޮލިޓީ މޮނީޓަރތަކުގެ އެހީގައި ވައިގެ ތެރޭގައި އަދި ވައިގެ ތެއްކަމުގައި ހިމެނޭ ކުދި އެތިކޮޅުތަކާއި އިންސާނުންނަށް ގެއްލުންވާ އެކި މާއްދާތައް ހުރި މިންވަރު ދެނެގަނެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. މިމޮނީޓަރތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ޤާއިމުކުރާ މިނެޓްވޯކްގައި "އެއަރ ކޮލިޓީ އިންޑެކްސް" ބަލަނީ އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބަލައިގަންނަ މިންގަނޑުންނެވެ. މި މިންގަނޑުން ވައިގެ ސާފުކަން ބަލަނީ 6 ކެޑަގަރީއަކަށް ބަހާލައިގެންނެވެ. މީގެ އެހީގައި ސިއްޙަތަށް ނޭދެވޭ އަސަރުކުރާ މިންވަރު ދެނެގަތުމަށް ފަސޭހަވެގެންދާ ކަމަށް އެންވަޔަރަންމަންޓުން ވިދާޅުވެއެވެ.

ވައިގެ ސާފުކަން ދެނެގަތުމަށް ރާއްޖޭގައި މޮނީޓަރިންގ ނެޓްވޯކެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ހދ.ކުޅުދުއްފުޓާއި، ށ.ފުނަދޫއާއި، ޅ.ހިންނަވަރާއި، ދ.ކުޑަހުވަދޫ އާއި ލ.ގަމުގެ އިތުރުން ގދ.ތިނަދޫއާއި، ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީ ހިތަދޫގައިވަނީ މޮނީޓަރިންގ ސިސްޓަމްތައް ޤާއިމުކޮށްފައެވެ. އަދި މިމަޝްރޫޢުގެ ދަށުން މާލޭގައި މިފަދަ މޮނީޓަރެއް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ވިލިމާލޭގައި ކައިރި މުސްތަޤުބަލެއްގައި މޮނީޓަރ ހަރުކުރެވިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.