ދުނިޔެ

ތުރުކީއަށް ދިން ޙަމަލާގައި މަރުވި މީހުންގެ އަދަދު 28އަށް އަރައިފި


ތުރުކީވިލާތުގެ ވެރިރަށް އަންކަރާގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަށާވީހަށް އަރައިފިއެވެ. މިޙަމަލާ ދީފައިވަނީ އަންކަރާގެ މެދުތެރޭގައި، ޕާލަމެންޓްގެ އިމާރާތާއި ސިފައިންގެ މައި މަރުކަޒާ އަދި ސަރުކާރުގެ މުހިއްމު އިމާރާތްތަކެއް ހުންނަ ސަރަޙައްދަކަށެވެ. ބުދަދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އަންކަރާގައި ދިން ބޮމުގެ މިޙަމަލާގައި މަރުވި މީހުންގެ އަދަދު 28 އަށް އަރާފައިވާއިރު ޒަޚަމްވި މީހުންގެ އަދަދުވަނީ 61 އަށް އަރާފައެވެ. ތުރުކީ ސަރުކާރުން މިޙަމަލާ ސިފަކޮށްފައިވަނީ ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައެވެ. މި ޙަމަލާގެ ފަހަތުގައިވާކަމަށް ތުރުކީވިލާތުގެ އަމަނާބެހޭ ބައެއް މަސްޢޫލުވެރިން ތުހުމަތު ކުރައްވަނީ ކުރުދީންގެ ޕީކޭކޭ ޖަމާއަތަށެވެ. ޕީކޭކޭއަކީ ތުރުކީވިލާތުގެ ދެކުނާއި އިރާޤުގެ އުތުރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ އަދި ތުރުކީ ސިފައިން އެޖަމާޢަތާއި ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ޖަމާޢަތެކެވެ. ނަމަވެސް ތުރުކީވިލާތުގެ އަމްނާބެހޭ އަނެއް ބައި މަސްޢޫލުވެރިން ވިދާޅުވަނީ މި ޓެރަރިސްޓް ޙަމަލާގެ ފަހަތުގައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތް ކަމަށެވެ.މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް އަންކަރާގެ މައި ރޭލްވޭ ސްޓޭޝަންގެ ކައިރީގައި ދިން ބޮމުގެ 2 ޙަމަލާގައި 86 މީހުން މަރާލައި 200 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވެއެވެ. އެ ދެޙަމަލާގެ ފަހަތުގައިވާކަމުގެ ތުހުމަތު ކުރެވިފައިވަނީ ޕީކޭކޭ ޖަމާއަތުގެ މައްޗަށެވެ. އޭގެ ކުރިން މިދިޔަ ޖުލައި މަހު ތުރުކީވިލާތުގެ ދެކުނުގެ ރަށެއްކަމަށްވާ ސޫރުޗްގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްގައި 33 މީހުން މަރާލައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައިވާއިރު އެޙަމަލާގެ ފަހަތުގައިވާކަމުގެ ތުހުމަތު ކުރެވިފައިވަނީ އައިއެސް ޖަމާއަތެވެ.މީގެއިތުރުން މިދިޔަ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ތުރުކީވިލާތުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އިސްތަންބޫލްގެ ސުލްތާން އަހްމަދު އަވަށުގައި ތިބި ޖަރުމަނުވިލާތުގެ ފަތުރުވެރިންގެ ބަޔަކަށް އަމާޒުކޮށް މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްގައި ޖަރުމަނުވިލާތުގެ 10 ފަތުރުވެރިން މަރުވެފައިވެއެވެ. މިޙަމަލާގެ ފަހަތުގައިވާ ކަމުގެ ތުހުމަތުވެސް ކުރެވިފައިވަނީ އައިއެސް ޖަމާއަތުގެ މައްޗަށެވެ. ބުދަދުވަހުގެ ރޭ އަންކަރާގައި ހިންގި ބޮންގޮއްވުމުގެ ހަމަލާއާ ގުޅިގެން ތުރުކީވިލާތުގެ ބޮޑުވަޒީރު ވަނީ ބުރާސްފަތި ދުވަހު ބްރަސަލްސް އަށް ކުރައްވަން ހަމަޖައްސާފައިވާ ދަތުރުފުޅު ކެންސަލް ކުރައްވާފައެވެ. އަދި މިޙަމަލާއަށްފަހު ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އޭނާގެ ރިޔާސަތުގައި ތުރުކީވިލާތުގެ އަމަނާބެހޭ އިސް ފަރާތްތަކުގެ ބައްދަލުވުމެއް ބާއްވާފައެވެ.މިބައްދަލުވުމުގައި ބޮޑުވަޒީރު އަހްމަދު ދޮވަތުޤްލޫވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ބުދަދުވަހުގެ ރޭ އަންކަރާއަށް ދިން ބޮމުގެ ޙަމަލާއާއި ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ޓެރަރިސްޓް ޙަމަލާގައި 28 މީހުން މަރުވެ 61 މީހުން ޒަޚަމްވި ނަމަވެސް މާއްދީގޮތުން ލިބިފައިވަނީ ކުޑަ ގެއްލުމެކެވެ. މާއްދީ ގޮތުން ލިބުނު ގެއްލުމަކީ އަސްކަރީ 3 އުޅަނދާއި ކާރެއް ހަލާކުވުމާއި ބޮންގޮއްވާލި ވަގުތު އެސަރަޙައްދުގެ ކައިރީގައިވާ މަގަކުން ދަތުރުކުރަމުން ދިޔަ ކާރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔުންކަމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ދުނިޔޭގެ ޤައުމުތަކުން ގެންދަނީ އަންކަރާއަށް ދިން މިޙަމަލާ ކުށްވެރިކޮށް ތުރުކީވިލާތަށް ހަމްދަރްދީ ފާޅުކޮށް މެސެޖްތައް ފޮނުވަމުންނެވެ.