ދުނިޔެ

ސޫރިޔާގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް


ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އާންމުންނަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އދ.ގެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކަށް އދ.ން ސޫރިޔާއަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ތަޢުރީފު ކުރައްވައިފިއެވެ.އދ.ގެ މުވައްޒަފުންގެ މަސައްކަތްތަކަކީ ތަޢުރީފު ހައްޤު މަސައްކަތްތަކެއް ކަމަށް ސްޓެފަން ޑިމިސްޓޫރާ ވިދާޅުވިއެވެ. އދ.ގެ އިންސާނީ އެހީގެ ގާފިލާތައް ފޮނުވުމަށް ހަމަޖެހިފައިވަނީ، ހަނގުރާމައިގާ ހިސާރުކޮށްފައިވާ 7 ސަރަޙައްދަކަށެވެ. މިސަރަޙައްދުތަކަށް އެހީގެ ގާފިލާތައް ވަނުމުގެ ހުއްދަ ދިނުމަށް ސޫރިޔާ ސަރުކާރުން މިހާރު ވަނީ އެއްބަސްވެފައެވެ. މި ކަމާ ބެހޭގޮތުން ޑިމިސްޓޫރާ ބުދަދުވަހު ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދް އަލްމުޢައްލިމް އާއި ދިމިޝްގުގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައް ސޫރިޔާގެ ރެޑް ކްރެސެންޓް ޖަމްއިއްޔާއިންވެސް ކުރަމުން ގެންދާކަމަށް ޚަބަރު ލިބެއެވެ.