ޚަބަރު

ކަނޑުއޮތްގިރީގައި ތަރައްޤީ ކުރާ ބަނދަރު އަންނަ އަހަރުގެ ޖޫންމަހަށް ނިންމާލެވޭނެ


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯގެ މަސް ބަންދުކުރާ ފެކްޓްރީތައް ހަދާފައިވާ ކ.ކަނޑުއޮށްގިރީގައި ތަރައްޤީ ކުރާ ބަނދަރު އަންނަ އަހަރުގެ ޖޫންމަހަށް ނިންމާލެވޭނެކަމުގެ އުންމީދުބޮޑުކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ކަނޑުއޮތްގިރީގައި ތަރައްޤީ ކުރާ ބަނދަރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާލް ފައުޒީ ވިދާޅުވީ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ހަލުވިކަމާއެކު ކުރިއަށްގެންދާކަމަށާއި އެކުންފުނީގެ އަމާޒަކީވެސް އަންނަ އަހަރު ޖޫންއަށް ބަނދަރުގެ މަސައްކަތް ނިންމާލުންކަމަށެވެ.

މިބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މިހާރު ކުރަމުންދަނީ ބަނދަރަށް ވަދެނުކުތުމަށް ހަދާ އައު ނެރު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެކުންފުނިން ބުނީ މި މަސައްކަތުގެ 46 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އަދި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިިލައިގެ ފުރަތަމަ ޝިޕްމަންޓްވެސް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 10،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 125 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 265 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިހާރު އޮތް ބަނދަރަކީ ކުޑަ ބަނދަރެއްކަމަށާ މަސްކިރުމަށް އަންނަ ބޮޑެތި ކަންނެލި އޮޑިދޯނިފަހަރުތަކަށް ފަޅު ކުޑަކަމުން ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ. އަދި ބަނދަރުގެ ބޮޑުބައެއް ހަލާކުވެފައި އޮތުމުންވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމަށް އިސްމާއީލް ވިދާޅުވިއެވެ. މިސަބަބުތަކާހުރެ މަސްވެރިން ޝަކުވާ ކުރާކަމަށާ، އެކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި ބަނދަރުގެ މަސައްކަތް ނިމުމުން ހައްލުލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑުއޮތް ގިރީގައި މި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރުތަކަށްވެސް މި ބަނދަރު ބޭނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި މިމަޝްރޫޢާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށްވެސް މިފްކޯއިން ވިދާޅުވެއެވެ.

މި މަޝްރޫއަށް 36.13 މިިލިއަން ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.