ޚަބަރު

އިންސާފުގެ އޮފީހުން ބަލާ ހުރިހާ މައްސަލައެއް އަންނަ އަހަރުގެ މެދުތެރެއަށް ނިންމަނީ


އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެއޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ.

އެއޮފީހަށް މައްސަލަ ހުށައެޅުމަށް 13 ޖޫން 2021ގައި ހުޅުވާލި 3 މަސް ދުވަހުގެ މުއްދަތުގައި ޖުމްލަ 489 މައްސަލަ ހުށައެޅިއެވެ. ނަމަވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިޚްތިޞާޞްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލައެކެވެ. މީގެ ތެރެއިން މިހާތަނަށް 111 މައްސަލައެއްގެ ތަޙުޤީޤުކޮށް ވަނީ ނިންމާލާފައެވެ.


އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުން ގެންދަނީ އެ އޮފީހަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކުގެ ތަހުގީގް ކުރިއަށް ގެންދަމުންނެވެ. މިހާރު ތަހުގީގް ކުރިއަށްދާ ބޮޑެތި މައްސަލަތަކުގެ ތެރެއިން ގދ.ތިނަދޫއިން މީހުން ބޭލި މައްސަލައިގެ ފައިނަލް ރިޕޯޓް މިމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފު އޮފީހުން ވިދާޅުވީ މިހާރު ތަހުގީގް ކުރަމުންދާ މައްސަލަތައް ނިންމައި އަންނަ އަހަރުގެ މެދުތެރެއަށް ހުރިހާ މައްސަލައެއް ނިންމުމަށް އެ އޮފީހުން އަމާޒުކޮށްފައިވާކަމަށެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުމަތިން އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތައް ނިންމުމުގައި އެންމެ އިސްކަމެއް ދެނީ، އެ މައްސަލައެއްގަިއ ހިމެނޭ ފަރާތްތައް ސުލްޙަކުރުމެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ހާމަކޮށްފައިވާގޮތުގައި ޤައުމީ މަސްލަހަތުގެ މައްސަލައިގެ ގޮތުގައި އެ އޮފީހުން 7 މައްސަލައެއް ތަހުގީގުކުރެއެވެ. އޭގެ ތެރޭގައި ތިނަދޫއިން މީހުން ބޭލި މައްސަލައިގެ އިތުރުން، ކުރީގެ ރައީސް އަލްއަމީރު މުޙައްމަދު ދީދީ ދެކޮޅަށް ލާއިންސާނީ އަމަލުތަކެއް ހިންގާ އަސާސީ ހައްގުތަކުން މަހްރޫމްކޮށް، އިންސާފުވެރި ޝަރީޢަތެއް ހިންގުމަށް ފުރުޞަތު ނުލިބޭގޮތަށް ހިންގި އަމަލުތަކާއި ގުޅިގެން ހުށައެޅި މައްސަލައާއި، 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5،6، އަދި 7ގައި ފުލުހުންނާއި އެމްއެންޑިއެފް އިން ޤައުމީ ޓީވީއަށް ވަދެ ޚިޔާލުފާޅުކުރުމާއި ދެކޮޅަށް ހިންގި އަމަލުތަކާއި، އެދުވަސްތަކުގައި އެއްވެ އުޅުމާއި ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަ ހިމެނެއެވެ.


މީގެ އިތުރުން 2018 ވަނަ އަހަރުގެ ފެބުރުއަރީ 1އިން ފެށިގެން 1 އޭޕްރީލް 2018އަށް ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށް އިންސާފްވެރި ޝަރީއަތުން މަހްރޫމްކޮށް އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގި އަމަލުތަކާ ގުޅިގެން ވެސް ހުށައަޅި މައްސަލައާއި، 1 މެއި 2015 ގައި މާލޭގައި ބޭއްވި އެއްވުމާއި ގުޅިގެން، ސަލާމަތީ ބާރުތަކުން އިންސާނީ ހައްގުތަކާއި ޚިލާފަށް ހިންގި އަމަލުތަކާއި އަސާސީ ހައްގުތަކުން މަހްރޫމް ކުރުމަށް ހިންގި އަމަލުތަކައި ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލައަކީވެސް އެ އޮފީހުން ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައިގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ބަލަމުން އަންނަ މަސައްސަލަތައް ނިންމުމަށް، އެ އޮފީހުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރުކޮށްދެއްވާފައެވެ. އެގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކޮށްދެއްވާފައިވެއެވެ.