ޚަބަރު

އެމްއެމްސީގެ ކުރިއަށް އޮތް ދައުރަށް މެންބަރުން އިންތިޚާބުކޮށްފި


މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް މެމްބަރުން އިންތިޚާބުކޮށްފިއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.
ނަމަވެސް މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުލަތަށް މިއަދު އިންތިޚާބުކޮށްފައިވަނީ 13 މެންބަރުންނެވެ. މިގޮތުން މީޑިއާތަކުން އިންތިޚާބުކުރަންޖެހޭ 8 މެމްބަރުންގެތެރެއިން މިފަހަރު އިންތިޚާބުކުރީ 7 މެމްބަރުންނެވެ. އަދި ޢާއްމު މެމްބަރުންގެ ގޮތުގައި އިންތިޚާބުކުރަންޖެހޭ 7 މެންބަރުންގެ ތެރެއިން މިފަހަރު އިންތިޚާބުކުރީ 6 މެމެބަރުންނެވެ. އެއީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ މިދަރުރުގެ މެދުތެރޭގައި މީޑިއާތަކުންނާއި އަމިއްލަ މީހުންގެތެރެއިން 2 މެންބަރަކު އިންތިޚާބުކޮށްފައިވާތީއެވެ.

މިފަހަރުގެ އިންތިޚާބުގައި މީޑިއާތަކުން އިންތިޚާބުކުރާ 7 މެންބަރުކަމަށް 10 މީހަކު ވާދަކުރިއެވެ. އަދި އަމިއްލަ ގޮތުން އިންތިޚާބުކުރާ 6 މެންބަރުކަމަށް 12 މީހަކު ވާދަކުރިއެވެ.

މީޑިއާތަކުން އިންތިޚާބުކުރި 7 މެންބަރުން

1- އަޙްމަދު އާޒިފު، ކެތި، ގއ.ގެމަނަފުށި – ސަން އޮންލައިން
2- މުޙައްމަދު ސިމާޢު، ވ.ސިނަމާލެ 4 3-06 – ވަން އޮންލައިން
3- މުޙައްމަދު އަފްރާޙް، ބާދަލް، ބ.މާޅޮސް – ތިލަދުން
4- މޫސާ ރަޝީދު، ހ،ވިޝަން، މާލެ – މިހާރު އޮންލައިން
5- ޙުސައިން ޝަރީފް ، ނައިޓްހައުސް، ސ.ހިތަދޫ – ވަގުތު އޮންލައިން
6- އަޙްމަދު މުސްޠަފާ، ދަފްތަރު ނަންބަރު ރސ 8518 – ޕަބްލިކް ސަރވިސް މީޑިއާ
7- ޢަލީ ނިޝާން، ކޫލްގްރާސް، މާލެ – އާފަތިސް އޮންލައިން

ޢާންމުންގެ ތެރެއިން އިންތިޚާބުކުރި 6 މެންބަރުން

1- އަރުމާނު ރަޝީދު، ރޯސްވިލާ، ސ.މީދޫ
2- އަޙްމަދު ސައްފާނު، މާކޯނި، ރ.ވާދޫ
3- ފާޠިމަތު ޝާޒުލީ، ހ.ޝީޝަމް، މާލެ
4- އަޙްމަދު އަމީން މުޙައްމަދު، ރިހިދޯދި، ގދ.ފިޔޯރި
5- މުޙައްމަދު ނަޞީރު، ދަނބުގެ، ހދ.ވައިކަރަދޫ
6- ޢަލީ ރަޝީދު އިބްރާހިމް، ކުންނާރުގަސްދޮށުގެ، ދ.ކުޑަހުވަދޫ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރަކީ 2 އަހަރު ދުވަހުގެ ދައުރެކެވެ. މީޑިއާ ކައުންސިލްގެ އިންތިޚާބު ބާއްވަނީ ހޯމް މިނިސްޓްރީންނެވެ. މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ ދައުރު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

މީޑިއާ ކައުންސިލްގެ މައިގަނޑު މަޤްސަދަކީ ޤާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމެވެ. އަދި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި އުސޫލުތަކުގައި ހިފަހައްޓާ ޒިންމާދާރު މީޑިއާއެއް ޤާއިމުކުރުމެވެ.