ވިޔަފާރި

މޯލްޑިވިއަނުން ގެންނަ ބޯޓުތައް ކުރިއަށްއޮތް 2 ހަފްތާ ތެރޭ ލިބޭނެ


ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ގެންނަ އޭޓީއާރު މަރުކާގެ 3 ބޯޓުގެ ތެރެއިން 2 ބޯޓު ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް ބުނެފިއެވެ. މިއީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށް ގެންނަ ބޯޓުތަކެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، އަލަށް ފްލީޓަށް ގެންނަ ބޯޓުތަކުގެ ތެރެއިން 2 ބޯޓެއް ފްރާންސްގައި ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި މޯލްޑިވިއަންގެ ޓީމެއް އެކޮޅުގައި ހަރަކާތްތެރިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. މި 2 ބޯޓުގެ ތެރެއިން 1 ބޯޓެއްގެ ޓެސްޓިން މަރުހަލާ މިހާރު ނިމިފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސްކޫލް ބަންދާއި ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް އިތުރުވާތީ މިދިޔަ މަހު މޯލްޑިވިއަނުން ވަނީ "ވެޓް ލީސް" އެއަރކްރާފްޓެއްވެސް ރާއްޖެ ގެނެސްފައެވެ.

އޭޓީއާރު މަރުކާގެ 3 ބޯޓު ހޯދުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފެށީ މިއަހަރުއެވެ. އެއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ.

އޭޓީއާރު 72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އޭޓީއާރު 42 މަރުކާގެ ބޯޓުގެ ޖާގައަކީ 50 މީހުންކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެކުންފުނިން ބުނީ އަލަށް ގެންނަ ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ބޯޓުތަކެއްކަމަށެވެ.

މޯލްޑިވިއަނުން ދާދިފަހުން ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓެއް ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ 2 ބޯޓާއި، ސީޕްލޭންގެ 11 ބޯޓުގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ 10 ބޯޓެވެ.

މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް ކުރަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ. އަދި އެތެރޭގެ އުދުހުންތަކަށް ބަލާއިރު ދަރަވަންދޫ އާއި ކުޑަހުވަދޫ އެއަރޕޯޓް ނޫން އެހެން ހުރިހައި އެއަރޕޯޓަކަށް މޯލްޑިވިއަނުން ދަތުރުކުރެއެވެ.