ޚަބަރު

ތަފާތުކުރުމެއްނެތި އިންސާނީ ޙައްޤުތަކުގައި ރާއްޖެއަށް ކުރިއެރުން


އިންސާނީ ހައްގުތައް ކަށަވަރުކުރުމަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް، ގައުމުތަކުގައި ދަތިކަމަކަށް ވެއެވެ. ހިއުމަން ރައިޓްސް އިންޑެކްސް އަށް ބަލާލުމުން އެކަން ޔަޤީންވާނެއެވެ. ރާއްޖޭގައިވެސް އިންސާނީ ހައްގުތަކުގެ ތާރީޚަށް ބަލާއިރު ފާއިތުވެދިޔަ ދިހަ އަހަރެއްހާ ދުވަހަށް އެކަނި ބަލާލި ނަމަވެސް ލާއިންސާނީ އެތައް ކަމެއް ފެންނާނެއެވެ.

އެގޮތުން އިންސާނީ ވަގުފާރިކުރުމާއި، ބިދޭސީ މަސައްކަތްތެރިންނަށް އޮޅުވާލައިގެން ނަހަމަގޮތުގައި ރާއްޖެ އެތެރެކޮށް އެމީހުންގެ ނާޖާއިޒު މަންފާނަގާ މައްސަލައަކީ ރާއްޖޭގައި އެއްއަހަރުން އަނެއްއަހަރަށް ބޮޑުވަމުން އައިސްފައިވާ މައްސަލައެކެވެ. ބިދޭސީންނާމެދު، އެމީހުން ގެންގުޅޭ ފަރާތްތަކުންނާއި އާންމު ބައެއް ފަރާތްތަކުން ވަރަށް އިހާނެތިކޮށް ހިތާ އެމީހުންގެ ޙައްޤުތައް ނިގުޅައިގަތުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ގޮސްފައިވެއެވެ.

އެތައް މަހެއްވާއިރުވެސް މުސާރަ ނުދިނުމާއި، ސިއްޙީގޮތުން އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ތަންތާނުގައި ގެންގުޅުމާއި، ބިރުދައްކައި އަނިޔާކުރުންފަދަ އިންސާނިއްޔަތާ ޚިލާފު ދަށުދަރަޖައިގެ ޢަމަލުތައް އެމީހުންނާމެދު ހިނގަމުން ދިޔަކަމުގެ އެތައް ހެއްކެއް ފެންމަތިވެފައި ވެއެވެ.

އަދުލު އިންސާފު، އިންސާނީ ހައްގުގެ އެއް އަސާސް

އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު ރައްޔިތުންނަށް އަދުލުއިންސާފު ލިބުމަކީ އެންމެ މުހިއްމު އެއްއަސާސެވެ. ރާއްޖޭގައި އަދުލު އިންސާފު ލިބުމުގެ ހާލަތު މިސަރުކާރުގެކުރިން އޮތްގޮތާމެދު އެތައް ބައެއްގެ ޝަކުވާތައް އޮތެވެ. އެގޮތުން އިންސާފު ނުލިބުމާއި އިންސާފް ލިބުން ލަސްވުމުގެ ޝަކުވާ އިންތިހާއަށް އޮތެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވި ހިސާބުން މިކަންކަމަށް ވަނީ ހެޔޮ ރަނގަޅު ބަދަލުތަކެއް އައިސްފައެވެ. ބިދޭސީންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ އެތައް މަސައްކަތްތަކެއް ކޮށްދީފައިވެއެވެ. މިކަމުގައި އިތުރު ސުވާލެއް ނެތެވެ. އެގޮތުން ސަރުކާރުން މިކަމުގައި ކުރި އެންމެ މުހިންމު އެއް ކަމަކީ ގަވާއިދާ ޚިލާފަށް ނުވަތަ ސައްހަ ލިޔެކިޔުންނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ރެގިއުލޭޓްކުރުމުގެ މަސައްކަތެވެ.

އެފަދަ ބިދޭސީންގެ ތެރޭގައި އެ ބިދޭސީން ރާއްޖެ ގެނައި މީހުން ޕާސްޕޯޓު އަތުލައި އަނބުރާ ނުދީ ތިބި މީހުން ގިނަކަން ފާހަގަވެގެން ދިޔައެވެ. އެހެންކަމުން ސަރުކާރުގެ ރެގިއުލޭޓަރީ މަސައްކަތުގެ ތެރެއިން ގިނަ ބިދޭސީންތަކަކަށް އެމީހުންގެ "އައިޑެންޓިޓީ" ވަނީ ހޯދިފައެވެ. ރެގިއުލޭޓުލުރުމުގެ މި ޕްރޮގްރާމްގެ ތެރެއިން ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭކަމަށް ރަޖިސްޓްރީވި 43،000 މީހުންގެ ތެރެއިން 20،000އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ.

މީޑިއާގެ މިނިވަންކަން ކަށަވަރު

މީޑިއާގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤަނޫނު އަސާސީން ކަށާވަރުކޮށްދީފައިވާ އެއް ހައްގެވެ. އެއީ އެއްވެސް ޙާލަތެއްގައި ނިގުޅައިނުގަނެވޭނެ ޙައްޤެކެވެ. އަދި ނޫސްވެރިންނަކީ މިނިވަންކަމާއި، ޙިމާޔަތް ލިބެންޖެހޭނެ ބައެއްވެސް މެއެވެ. ނަމަވެސް ނޫސްވެރިންނަށް ޤާނޫނުއަސާސީގެ 28ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރީގެ ސަރުކާރުން އަރައިގަންނަމުން ދިޔަކަމީ ނޫސްވެރިން ކަންބޮޑުވުމާއެކު ފާހަގަކުރިކަމެކެވެ. ނޫސްވެރިންނަށް ބިރުދެއްކުމާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ޢަމަލުތައް ހިންގާފައިވުމާއި، ބައެއް މީޑިއާ ހިންގާތަނުގެ މުވައްޒަފުންނަށް ބިރުދެއްކުމުގެ އަމަލުތަކެއް ހިންގާފައިވާކަމީ ފެންނަން އޮތް ހަގީގަތެކެވެ.

މި ހުރިހާ ޝަކުވާއަކަށް ހައްލު ހޯދައިދީ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ އަބުރުގެ ދައުވާގެ ތެރެއިން ނޫސްވެރިންނާއި މީޑިއާތަކަށް އޮތް ބިރުވެރިކަން ނައްތާލުމެވެ. ނޫސްވެރިންނަށް ސުވާލުކޮށް ޖަވާބު ހޯދުމުގެ މިނިވަންކަން ހޯދައިދިނުމެވެ. އެކަށީގެންވާ ގޮތެއްގައި މީޑިއާތަކަށް ސަރުކާރުން ޖަވާބުދާރީވުމެވެ.

ޖަލުތަކުގެ ޙާލަތަށް ބޮޑު ބަދަލެއް

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ދާއިރާއިން އެންމެ ޙާލަތު ގޯސްކޮށް ފެނުނު އެއް ދާއިރާއަކީ ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދު މީހުންނެވެ. ރާއްޖޭގައި ހިނގަމުންދާ ޖަލުތަކުގެ ޙާލަތު ހުރީ ލަދު ގަންނަން ޖެހޭ މިންވަރަށް ކަމަށާއި އެ ޖަލުތަކަކީ އިންސާނުން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ޖަލުތަކުގެ ޙާލަތާ ގުޅޭގޮތުން 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15ވަނަ ދުވަހު ޢާންމުކުރި ޚާއްޞަ އޮޑިޓް ރިޕޯޓެއްގައިވެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަންޑޭލާ ރޫލްސްގެ ދަށުން މަސައްކަތްތައް ފަށައި ރާއްޖޭގެ ޖަލުތަކަކީ ރިހެބިލިޓޭޓްކުރާ ތަންތަުގެ ގޮތުގައި ހެދުމަށް މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގައިދީންނަށް ހާއްސަ ތަމްރީންތަކާއި ކޯސްތައް ހިންގުމާއި، ގައިދީންނަށް ޖަލުގައި ކުށްތަކަށް އަރައިގަންނަން ލިބޭ ފުރުސަތު މަދުކޮށް ޖަލުތަކުން ނިކުންނަށް ގައިދީންނަށް މުޖުތަމައިން ފުރުސަތު ހޯދައިދިނުމަށް ވެސް ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބުވާތަން މިހާރު ވަނީ ފެންނަން ފަށާފައެވެ.



ސަރުކާރުގެ މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މިދިޔަ ސަރުކާރާ އަޅާ ބަލާއިރު، މި ސަރުކާރުގައި އާންމުން މިކަމާ މެދު ހޭލުންތެރިވެފައިވާ މިންވަރު އިތުރުވުމެވެ. އެކަން ކޯވިޑުގެ ބަލިމަޑުކަމުގެ ވޭނީ ދުވަސްވަރުވެސް ފެނިގެންދިޔައެވެ. ދޭސީއެއް ބިދޭސީއެއް ތަފާތުކުރުމެއް ނެތި އަސާސީ ޚިދުމަތްތައް ކަށަވަރުވެގެން ދިޔައީ ސަރުކާރުން މިދާއިރާއިން ގެންގުޅުނު ހަރުދަނާ ސިޔާސަތުގެ ސަބަބުންނެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައެއް އިންސާނީ އެތައް ޙައްޤުތަކަކުން މަޙްރޫމްވި ވަގުތުވެސް ދިވެހި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކަށްވީ ކޯވިޑް-19 އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރި މަސައްކަތުގައި ތަފާތުކުރުމެއްނެތި އެންމެންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދިނުމެވެ.

ރާއްޖެއިން އިންސާނީ ހައްގުތަކަށް ކުރަމުން އަންނަ މަސައްކަތްތައް ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ވިދާލައި، އދ އިން ވެސް ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރާއްޖެއަށް ގޮނޑިއެއް ލިބިފައެވެ.