ށ.މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮޕްމެނީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ށ.މިލަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 79 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ ވަރަށް ރަނގަޅަށް ޕްލޭންކުރެވިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި މަސައްކަތް ނިމިގެންދާއިރު މިބަނދަރު ވެގެންދާނީ ރާއްޖޭގައި މިހާރު ތަރައްޤީކޮށްފައިވާ ބަނދަރުތަކުގެ ނިސްބަތުން ފެންވަރު ރަނގަޅު ބަނދަރެއްކަމަށް އާޒިމް ވިދާޅުވިއެވެ.
"ފެރީ ނިޒާމަށް ބޭނުންވާ ޕްލެޓްފޯމެއްވެސް މީގެ ދަށުން ޤާއިމުކުރުމަށްވަނީ ހަމަޖެހިފައި. އަދި ޑިޒައިން އޮތްގޮތުން މިއީ ވަރަށް ފުރިހަމަ ބަނދަރަކަށް ވެގެންދާނެ." އާޒިމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޒާ ވިދާޅުވީ މިމަސައްކަތާއެކު މަޑުޖެހިފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ނިމިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ. މިދެމަޝްރޫޢަކީވެސް ރަށަށް ވަރަށް މުހިއްމު ދެމަޝްރޫޢުކަން ރިޒާވަނީ ފާހަގަކުރައްވާފައެވެ.
"މިހާރު ކުރިއަށްދާ ވަރަށް މުހިއްމު މަޝްރޫޢެއް ޝޯ ޕްރޮޓެކްޝަން މަޝްރޫޢަކީ. ވަރަށް ގުޅިލާމެހިފައިވާ ދެމަސައްކަތަށްވުމުން އުއްމީދަކީ އެކުގައި ދެމަސައްކަތްވެސް ވަރަށް ފުރިހަމައަށް ނިމިގެންދާނެކަމަށް." ޢަލީ ރިޒާ ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ދަށުން މިލަންދޫގައި މިހާރު އޮތް ބަނދަރުން 17900 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 70400 ކިއުބިކް މީޓަރުގެ އައު ބަނދަރެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 8400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުންކޮށް 93 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
މިލަންދޫ ބަނދަރުގެ އިތުރުން އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ މޭއި މަހުގެ ތެރޭގައެވެ.