ޚަބަރު

ހުޅުމާލޭގައި އަލަށް ޢިމާރާތްކުރި ކުޑަކުދިންގެ ހިޔާ ހުޅުއްވައިފި




ހުޅުމާލޭގައި އަލަށް ޢިމާރާތްކުރެއްވި ކުޑަކުދިންގެ ހިޔާ ހުޅުއްވައިފިއެވެ.

މިކަމަށްޓަކައި މިރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ކުޑަކުދިންގެ ހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.

ކުޑަކުދިންގެ ހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ކުޑަކުދިންނަށް ބޭނުންވާ ކަންކަން މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ތުއްތު ކުދިން މުޖުތަމަޢަށް ނިކުންނައިރު، އެމުޖުތަމަޢަކީ ފަރުދީ ޒިންމާ އަދާކުރާ އެހެން މީހުން ޙައްޤުތަކަށް އިޙްތިރާމްކުރާ އަޅާލާ އޯގާތެރި މުޖުތަމަޢަކަށް ވާންޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ތަފާތު އެކި އިޖްތިމާޢީ މައްސަލަތަކާއި، އަދި ބަލާނޭ އެއްވެސް ފަރާތެއް ނެތުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން، ބެލެހެއްޓުމުގެ ނިޒާމް މިހާރު ހަމަޖެހިފައިވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައެވެ. ވިލިމާލެ ކުޑަކުދިންގެ ހިޔާގައި 117 ކުދިން ތިބި އިރު، ހިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. ހުޅުމާލޭގައި މިރޭ ހުޅުވިގެންދިޔަ ކުޑަކުދިންގެ ހިޔާއަކީ މިކަން ޙައްލު ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ދުބާއީގެ އާއިލާއެއްގެ އެހީގައި އިމާރާތްކުރެވުނު ކުޑަކުދިންގެ ހިޔާއެކެވެ. މި އިމާރާތަކީ 125 ކުދިންގެ ޖާގައިގެ އިމާރާތެކެވެ. މި އިމާރާތަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 9 އަހަރުން ދަށުގެ ކުދިންނެވެ. އެގޮތުން މިއުމުރުފުރާގެ 70 ކުދިން ބަދަލުކުރެވިގެންދާނެއެވެ.

 ހުޅުމާލެ ކުޑަކުދިންގެ ހިޔާ އަކީ ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ މަޙުމޫދު އަލް ޚާޖާގެ އާއިލާ އިން ހަސަތޭކަ އަށްޑިހަ ނުވަހާސް ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ ޢިމާރާތެކެވެ.

މިރަސްމިއްޔާތުގައި ދަޢުލަތުގެ ފަރާތުން މަޙްމޫދު އަލްޚާޖާގެ އާއިލާއަށް ވަނީ ހަނދާނީ ފިލާއެއް އަރުވާފައެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ފަރާތުން މެޑަމް ފާތިމަތު އިބްރާޙިމް އަށްވެސް ވަނީ ހަނދާނީ ފިލާއެއް އަރުވާފައެވެ.

މި ކުޑަކުދިންގެ ހިޔާ ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓްރީ
ހިންގެވުމާއި ހަވާލުވެ ހުންނެވި ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ދެއްކެވި ވާހަކަފުޅުގައި ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށް ހުށަހެޅޭ މައްސަލައަށް
ބަލާއިރު، ކުޑަކުދިންގެ ޙައްޤުތައް ނިއުޅައިގަތުމުގެ މައްސަލަތަކަކީ ކަންބޮޑުވާކަމެއްކަން
ފާހަގަކުރައްވާ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިވުމަށް އިލްތިމާސްކުރެއްވިއެވެ.
މުޖުތަމަޢުގެ ވާދަވެރިކަމުގެ ސަބަބުން ނުވަތަ ޚިޔާލު ތަފާތުވުމުގެ ސަބަބުން އޭގެ
ނޭދެވޭ އަސަރު ކުޑަކުދިންނަށް ކުރަމުންދާކަން ފާހަގަކުރައްވާ، ކުޑަކުދިންނަށް
ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ގޮވާލެއްވިއެވެ. އަދި
ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކުރުމަށް ބަންޑާރަ ނާއިބު ގޮވާލެއްވިއެވެ.



ބަންޑާރަ ނައިބު
ވިދާޅުވީ ކުޑަކުދިންގެ ހިޔާގެ ހިންގުމުގެ ޕްރޮސީޖަރ މެނުއަލްތައް ރިވިއުކުރުމުގެ
މަސައްކަތްކުރަމުންދާކަމަށެވެ.



ކުޑަކުދިންގެ ހިޔާގެ
ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވީ، މިޢިމާރާތަކީ ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް
ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް
ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި މިއާއެކު ކުޑަކުދިންގެ ހިޔާއަށް
ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، އުމުރު ފުރާތަކުގެ ކުދިން ވަކިން ގެންގުޅެން
ފެށުމުގެ މީގެ ކުރިން ދިމާވި ކަންކަން ޙައްލުވެގެންދާނެކަމަށެވެ.





ހުޅުމާލެ
ކުޑަކުދިންގެ ހިޔާ އަކީ ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ މަހުމޫދު އަލް ޚާޖާގެ އާއިލާ
އިން ހަސަތޭކަ އަށްޑިހަ ނުވަހާސް ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ ޢިމާރާތެކެވެ. މިރަސްމިއްޔާތުގައި
ދަޢުލަތުގެ ފަރާތުން މަޙްމޫދު އަލްޚާޖާގެ އާއިލާއަށް ވަނީ ހަނދާނީ ފިލާއެއް
އަރުވާފައެވެ.



އަދި ޖެންޑަރ
މިނިސްޓްރީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަށްވެސް ވަނީ ހަނދާނީ ފިލާއެއް
އަރުވާފައެވެ.