ޚަބަރު

އެއިޑްސްއަށް ޓެސްޓް ކުރުމުގެ ކޭމްޕްތަކާއެކު ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި


އެޗްއައިވީ އާއި އެއިޑްސް ބައްޔަށް އާއްމުން ހޭލުންތެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އެއިޑްސްއަށް އާއްމުން ހޭލުންތެރިކުރުމަށް ރާއްޖޭގެ ހުރިހާ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ހިމެނޭގޮތަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ޕްރޮގްރާމްތަކެއް ފަށާފައެވެ. މިއަހަރުގެ އެއިޑްސް ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ކުރިއަށްގެންދަނީ ގއ.އަތޮޅުގައެވެ.

އެއިޑްސް ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަނީ ގއ.އަތޮޅު ކައުންސިލާއި، ގއ.އަތޮޅު ހޮސްޕިޓަލާއި އެޗްޕީއޭ ގުޅިގެންނެވެ. ހަރަކާތްތައް ގއ.ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި ކުރިއަށްދާނެއެވެ. ހަފްތާއަކަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ގިނަ ޕްރޮގްރާމްތައް ހިންގަނީ އަތޮޅު ހޮސްޕިޓަލް ހުންނަ ގއ.ވިލިނގިލީގައެވެ.

ދުވަހާ ގުޅިގެން އެޗްޕީއޭއިން ފަށާފައިވާ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެ އެޖެންސީގެ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ އަބްދުލް ޙަމީދު ވިދާޅުވީ، އެއިޑްސް ދުވަހުގެ ހަރަކާތްތައް ކުލަގަދަގޮތެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރާއްޖޭގައި މިބަލި މަދުން ނަމަވެސް އޮތުމާއި، ބަލި ފެތުރުމުގެ ނުރައްކާ ރާއްޖެއަށްވެސް އޮތުމާއެކު އެކަމަށް ހޭލުންތެރިކުރުމަށްކަމަށެވެ. މީގެ އެންމެ މުހިންމުކަމަކީ، ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަ ނުދީ އާއްމުން އެކަމަށް ހޭލުންތެރިކުރުންކަމަށް ހަމީދު ވިދާޅުވިއެވެ.

"މީގެ ޢަމާޒަކީ ޓެސްޓުކުރުމަށް ބާރުއަޅާ، ބަލި އުޅޭތޯ ނޫޅޭތޯ ދެނެގަނެ އާއްމުން އެކަމަށް ހޭލުންތެރިވުން. އަދި ބައްޔަށް ޓެސްޓުކުރުން އާއްމުކަމަކަށް ހެދުން. ބަލި ޖެހުމުގެ ފުރުޞަތު އޮތް މީހެއް ނަމަ އަވަހަށް ޓެސްޓުކުރުން. އަދި ބަލީގެ މީހަކު ފެނިއްޖެނަމަ، ފަރުވާ ފަށާ ބަލި އިތުރަށް ފެތުރުނަ ނުދިނުން." ހަމީދު ވިދާޅުވިއެވެ.

އެއިޑްސް ދުވަހުގެ ހަރަކާތްތައް ހިންގަނީ ހުރިހާ އުމުރުފުރައަކަށެވެ. އެގޮތުން ޒުވާނުންނާ އަދި ކުޑަކުދިންނާ އާއިލާތައް އަދި ބިދޭސީންނަށް ހިންގާ، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް މީގެ ތެރޭގައި ހިމެނެއެވެ. މީގެތެރެއިން އެއިޑްސް، ހެޕަޓައިޓިސް އަދި ސިފިލިސްއަށް ޓެސްޓް ކުރުމުގެ ކޭމްޕްތައް ވަނީ ފަށާފައެވެ.

ދުވަހުގެ ހަރަކާތްތަކުގައި ހިމަނައިގެން މިސަރަޙައްދުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ، މިދާއިރާތަކާއި ގުޅުންހުރި މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީން ދިނުމުގެ ވޯކްޝޮޕްތައްވެސް ވަނީ ފަށާފައެވެ.

"ޑޮކްޓަރުން، ނަރުހުން، ލެބް ޓެކްނީޝަނުން ޕަބްލިކް ހެލްތު އެކްސްޕަރޓުން ވޯކްޝޮޕްގައި ބައިވެރިވޭ. މީގެ އެންމެ ބޮޑު ބޭނުމަކީ ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި، ފަރުވާއާއި އަދި ޓެސްޓުކުރުންފަދަ ސިއްޙީގޮތުން އެނގެންޖެހޭ މަޢުލޫމާތު ތަޖުރިބާކާރުން މެދުވެރިކޮށް ޙިއްސާކުރުން." ހަމީދު ވިދާޅުވިއެވެ.

މި ހަރާކާތްތަކުގެ ތެރެއިން މުޖުތަމަޢު މިފަދަ ބަލިތަކަށް ހޭލުންތެރިކުރުމަށް އާއިލީ ހަވީރަކާއި، އަދި ޒުވާނުންނަށް މަޢުލޫމާތު ދިނުމުގެ ހަރަކާތަކާއެކު މިއުޒިކް ޝޯވއެއްވެސް ބާއްވާނެއެވެ.

އެއިޑްސް ބަލި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެއިޑްސް ބަލި 39 މީހެއްގެ ގައިން ފެނުނު ކަމަށް ރިކޯޑްކޮށްފައިވެއެވެ. އެއީ 6 އަންހެނުންނާއި 33 ފިރިހެނުންނެވެ. އަދި މީގެތެރެއިން 15 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. އަދި މިހާރުވެސް 22 މީހަކު މިބައްޔަށް ފަރުވާކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

އެއިޑްސް އަކީ ބަލި މުޅިން ފަސޭހަވުމަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް ބަލި ކޮންޓްރޯލްކޮށް، ފެތުރުން ކުޑަކުރުމަށް ތަފާތު ފަރުވާ އަންނަނީ ދެމުންނެވެ.