ޚަބަރު

ޖަލުން ފޯނާއި ސިމާއި މަސްތުވާތަކެތި ހޯދައި އޮޕަރޭޝަން ނިންމާލައިފި


ކ.މާފުށީ ޖަލުގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، ޖަލަށް ވެއްދުންމަނާ ގިނަ ޢަދަދެއްގެ ތަކެތި ހޯދައިފިއެވެ.

މަކަރާއި ޙީލަތުން އާންމުންގެ އަތުން ފައިސާ ފޭރުމަށް ހިންގާ ކުށްތަކާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގުމަށް ކުރާ ކުއްތަކާއި ދެކޮޅަށް، ކ.މާފުށީ ޖަލުގައި ޚާއްޞަ އޮަޕރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ސަލާމަތީ ޚިދުމަތްތަކާއި ގުޅިގެން ފެށީ މިމަހުގެ 6 ވަނަ ދުވަހުގެ ރެޔެއެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ، މާފުށީ ޖަލު ފާސްކުރުމަށް ހިންގި ޚާއްޞަ އޮަޕަރޭޝަން ނިންމާލާފައިވަނީ އިއްޔެ މެންދުރުކަމަށެވެ. މިއީ ކާމިޔާބު އޮޕަރޭޝަނެއްކަން ފާހަގަކުރައްވާ ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ، މި އޮަޕަރޭޝަނުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށެވެ.

މި އޮޕަރޭޝަނުގެ ތެރޭގައި ފޯނާއި، ސިމްކާޑާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތިފަދަ މަނާ ތަކެތި ހޯދާފައިވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ. ނަމަވެސް ޖަލުން ހޯދާފައިވަނީ ކިހާ ޢަދަދެއްގެ މަނާ ތަކެއްޗެއްކަމަށް އެ ސާރވިސްއިން ވިދާޅެއް ނުވެއެވެ.

ސްކޭމް ކޯލްތަކުގެ މައްސަލަ ރާއްޖޭގައި ވަނީ އިންތިހާއަށް ބޮޑުވެފައިވާތީ އެކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޮޅުވާލައިގެން ފައިސާ ހޯދުމުގެ ގިނަ ކޯލުތައް އަންނަނީ މާފުށީ ޖަލުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މަކަރާއި ހީލަތުން ނުވަތަ ސްކޭމް ކޯލްތަކުގެ ޒަރިއްޔާއިން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ، މީހުންގެ އަތުން ގެއްލިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ސްކޭމްގެ މައްސަލައާއި ގުޅިގެން މިހާތަނަށް 590 ސިމް ޑިސްކަނެކްޓްކޮށް، 532 މޯބައިލް އައިޑެންޓިފިކޭޝަން ނަމްބަރު ވަނީ ބްލޮކްކޮށްފައެވެ. އަދި 10އައިޕީއާއި 14 ވެބްސައިޓްވެސް ވަނީ ބްލޮކްކޮށްފައެވެ.
މަކަރާއި ޙީލަތުން އަދި އެކި ނަންބަރުތަކުން އެކި ކުންފުނިތަކުގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ، އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅާ ގިނަ ނަންބަރުތަކަކީ އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވާ ނަންބަރުތަކެއްކަމަށެވެ. ނުވަތަ އެފަދަ ނަންބަރުތަކަކީ ބިދޭސީއެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިހުންނަ ނަންބަރުތައްކަމަށާއި، އެފަދަ ޙާލަތުގައި އެމީހުން ދެނެގަނަންނައިރު، އެއީ އެތައް އަހަރެއްކުރިން ރާއްޖެ ދޫކޮށް ޤައުމަށް ގޮސްފައިވާ ބިދޭސީއަކަށްވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންކަމުން އެފަދަ ޙާލަތްތަކުގައި ފޯނުކުރާ މީހާ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އެހެންކަމުން މޯބައިލް ފޯނު ސިމްކާޑު ދޫކުރުމުގެ އުސޫލަށް ހަރުކަށިކޮށް މިމަހުން ފެށިގެން އެއުސޫލަށް އަމަލުކުރަމުން އަންނަކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވެއެވެ.