ޚަބަރު

މަރާމާތުކުރަން ބަންދުކުރާ ޓޫރިސްޓު ތަންތަނުގެ ކުލި ފަސްކޮށްދެނީ


ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން މަރާމާތުކުރުމަށް އެތަންތަން ބަންދުކުރާނަމަ، އެމުއްދަތުގައި ދައްކަންޖެހޭ ކުލި ފަސްކޮށްދޭގޮތަށް ޤަވާއިދު އިސްލާހުކޮށްފިއެވެ. ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު އިސްލާޙުކޮށް، މިދިޔަ އަންގާރަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ.

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށްދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ޤަވާއިދު ފުރަތަމަ އެކުލަވާލާ ޢަމަލުކުރަން ފެށީ 2019 އަހަރުއެވެ. އެ ޤަވާއިދަށް އިސްލާޙު ގެނެސް އާންމުކޮށްފައި މިވަނީ، ތަރައްޤީނުވެ ގިނަ ދުވަސްވެފައިވާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްގީކުރާ އިންވެސްޓަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވުއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކުރާ ތަނެއް ބަންދުކުރާނަމަ، އެމުއްދަތުގައި ޓޫރިޒަމް މިނިސްޓްރީން ކުލި ފަސްކޮށްދޭގޮތަށް އަލަށް ގެނައި އިޞްލާހުގައި ވަނީ ހިމަނާފައެވެ.

އައު އިޞްލާހުގައި ބަޔާންކޮށްފައިވާގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަނެއް ރީޑިވެލޮޕްމެންތްކުރުމަށް ނުވަތަ މަރާމާތުކުރުމަށް ބަންދުކުރާނަމަ، ޓޫރިޒމް މިނިސްޓްރީއަށް އެކަން ލިޔުމުން އަންގައި ހުއްދަ ހޯދަންޖެހެއެވެ. އަދި އެ ހުއްދަ ދެވޭނީ ގިނަވެގެން 18 މަސް ދުވަހަށްކަމަށް އެއިސްލާޙުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، މަރާމާތުކުރުމުގެ މަސައްކަތަށް ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅައި ޕްލޭންގެ %50 ނިމިފައިވާނަމަ، މިނިސްޓްރީން ދޭ ހުއްދަ 12 މަސްދުވަހަށް އިތުރުކުރެވޭނެކަމަށް އެއިސްލާހުގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން މަރާމާތުކުރުމަށް ހުއްދަދޭ މުއްދަތުގައި އެތަނަކަށް ދައްކަންޖެހޭ ކުއްޔާއި، އޭގެ ކުރިން ނުދައްކާހުރި ޖޫރިމަނާއެއް، މަރާމާތްކުރުމަށް ދޫކުރެވޭ ހުއްދަހަމަވާ ތާރީހުން ފެށިގެން 2 އަހަރުގެ ދުވަހުގެ ތެރޭގައި 4 ކުއާޓަރަށް ހަމަހަމައަށް ބަހާލައިގެން ދެއްކޭނެކަމަށްވެސް އެޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެތަންތަން މަރާމާތުކުރުމުގެ ހުއްދައަށް އެދެވޭނީ ކޮންމެ 10 އަހަރަކުން އެއް ފަހަރުކަމަ ބުނެފައިވެއެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ބޭނުންތަކަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއިއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެތަން ތަރައްޤީކޮށް ނުނިމިއްޖެނަމަ، އެތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދިނުމުގެ އިޚުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް އޮންނާނެކަމަށް އެޤަވާއިދުގައިވެއެވެ. އެހެންނަމަވެސް، އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ތަން އެއްކޮށް ތަރައްޤީކޮށް ނިންމައި ހިންގަން ފެށުން ނުވަތަ މަރުހަލާތަކަށް ބަހައިލައިގެން ތަރައްޤީކުރަން ހުށަހަޅާނަމަ، މަދުވެގެން އެއް މަރުހަލާ އިތުރުކޮށްދެވޭ މުއްދަތުގައި ނިންމައި ހިންގަން ފެށުމަށް އެއްބަސްވާންޖެހެކަމަށް އެއިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރރާނެ ގޮތުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހާއިއެކު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ ސީއެސްއާރުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ކުއްޔަށް ދުކޮށްފައިވާ ތަނެއް ތަރައްޤީކޮށް ނިންމާ އެތަން ހިންގަން ފަށާ ތާރީހުން ފެށިގެން ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރެއްގެ ހަތަރު ކުއާޓަރާއި، ހަމަހަމަޔަށް ބަހައިލައިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް އެފައިސާ ޖަމާކުރަން އެއްބަސްވާންޖެހޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭ ތަންތަނަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާއާއި ކޮންސްޓްރަކްޝަން ޕީރިއަޑުގައި ދައްކަންޖެހޭ ކުލި ދެއްކުން ފަސްކުރެވޭނެކަމަށްވެސް އައު އިޞްލާހުގައިވެއެވެ. މިގޮތަށް ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދެއްކުމަށް 2 ގޮތެއް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައިއެވެ.

ކުއްޔާއި ޖޫރިމަނާ ދެއްކުން ފަސްކޮށްދޭނެ ގޮތްތައް:

1. ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ބޭނުމަށް އެތަނެއް ހިންގުމަށް އޮޕަރޭޓިން ލައިސަންސް ދޭ ތާރީހުން ފެށިގެން ދެ އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަން ފަށާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، 4 ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން އިންޓަރެސްޓެއް ނެތި ދެއްކުން.

2. ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ރަށެއް ތަރައްޤީކޮށް އެރަށެއް ހުޅުވޭ ތާރީހުން ފެށިގެން ދެ އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި، 4 ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން އަހަރަކު %3 ސިމްޕަލް އިންޓަރެސްޓާ އެކު ކުއްޔާއި ޖޫރިމަނާ ދެއްކުން.

ކޮންސްޓްރަކްޝަން ޕީރިއަޑުގައި ފަސްކޮސްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކާއިރު، ދައްކަންޖެހޭ އިންޓަރެސްޓް ހިސާބުކުރަނީ، ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށާ ދުވަހުން ފެށިގެން، ކޮންމެ މީލާދީ އަހަރެއްގެ އެ ތާރީހުގައި ދައްކަން ބާކީހުރި އަދަދުގެ މައްޗަށްކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ދަނޑިވަޅުގައި އޭގެ ފައިދާ ފުރިހަމައަށް ނެގުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި، ކަމާއިބެހޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އެގޮތުން، މިޤަވާއިދަށް މިގެނައި އިސްލާހާއިއެކު ނުހެދި ހުރި ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.