ޚަބަރު

އިންޑިއާ ކަނޑުގައި އުފެދިފައިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ


އިންޑިއާގެ ހުޅަނގުދެކުނާއި ދެކުނުއިރުމަތީ ގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަން މިއަދު ހެނދުނު ތޫފާނަކަށް ބަދަލުވެ އޭގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ބޭއޮފް ބެންގަލްގައި އުފެދޭ މިފަދަ ތޫފާންތަކުގެ ނުސީދާ އަސަރު ރާއްޖެއަށް އާންމުކޮށް ކުރާކަމަށާއި، މި ފަހަރު މިއުފެދުނު "މަންޑޫސް" ތޫފާންގެ ސަބަބުން ރާއްޖޭގެ އެކިހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

އިންޑިއާ ކަނޑުގައި އުފެދުނު މި ތޫފާންގެ އަސަރު މި ސަރަހައްދުގެ ބައެއް ޤައުމުތަކަށް ދަނީ ކުރަމުންނެވެ. އެގޮތުން އަވައްޓެރި އިންޑިއާ އާ ސްރީލަންކާގެ ބައެއް ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންދާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ތުފާންގެ ބާރު ދަށްވާނެކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހަށްކަމެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން އެ އިދާރާއިން ވަނީ އެދިފައެވެ. މިތޫފާންގެ މިސްރާބު މިހާރު ހުރީ އިންޑިއާގެ ޓެމިލްނާޑޫ ސިޓީ އާ ދިމާއަށެވެ.

ރާއްޖޭގެ ދެކުނުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ހުދު ސަމާލުވެސް މިއަދު ވަނީ ނެރެފައެވެ. މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނިނެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ގަދަ ވަޔާ ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.