ޚަބަރު

ވަން ޕާކިންގ - ހުޅުމާލޭގައި އުޅަނދުތައް ތޮއްޖެހުމުގެ މަައްސަލައަށް ހައްލެއް


ވެހިކަލް ޕާކްކުރުމަށް ހުޅޫމާލޭގައި ތަރައްޤީކުރާ "ވަން ޕާކިންގ" އިމާރާތާއެކު ހުޅުމާލޭގައި އުޅަނދުތައް ތޮއްޖެހުމުގެ މަައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފަރާސްޓަރކްޗަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން މިހެން ވިދާޅުވީ، "ވަން ޕާކް"ގެ ނަމުގައި ހުޅުމާލޭގައި ތަރައްޤީކުރާ ޕާކިން އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ވަން ޕާކް" ގެ ނަމުގައި ހުޅުމާލޭގައި ތަރައްޤީކުރާ ޕާކިން އިމާރަތަކީ އެޗްޑީސީއާއި ދަމާސް ރިއަލް އެސްޓޭޓްއާ ގުޅިގެން، ޒަމާނީ ފެންވަރުގައި ތަރައްޤިކުރާ ޕާކިން އިމާރާތެކެވެ. މިއީ މާލެ ސަރަހައްދުގައިވެސް އުޅަނދުތައް ޕާކްކުރުމަށް ހެދޭ މިފަދަ އެންމެ ފުރަތަމަ އިމާރާތެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަކްރަމް ވިދާޅުވީ، އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުއްވާ އުޅަނދުތައް ޕާކްކުރެވޭނެ ފަދަ އިންތިޒާމެއް ނެތުންކަމަށެވެ.

"މިއަދަކީ މާލެ ސަރަހައްދަށް ދިމާވާވެފައިވާ ބޮޑު ގޮންޖެހުމަށް ފުދޭވަރެއްގެ ލުއެއް ލިބޭނެ ދުވަހަެއްކަމަށް އަޅުގަނޑު ޤާބޫލުކުރަން. އެއީ އެޗްޑީސީން ޕާކިން އިމާރާތެއް ތަރައްޤީކުރުމަށް ހުޅުވާލި ހުޅުވާލެއްވުމާއި ގުޅިގެން، ދަމާސްގެ ފަރާތުން އެކަމަށް ކުރިމަތިލައްވާ، ދަމާސްއިން މިމަސައްކަތް ފެއްޓެވުމަސް އެގްރިމެންޓްގައި ސޮއިކުރެވޭ ދުވަސް. އަޅުގަނޑު އުންމީދުކުރަނީ މި ޕާކިން އިމާރާތަކީ ވަރަށް ފުރިހަމަ އިމާރާތެއްކަމަށް ވާނެކަމަށް." މިނިސްޓަރ އަކްރަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަމާސް ރިއަލް އެސްޓޭޓްއަކީ މީގެ ކުރިންވެސް ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެއްކަމަށެވެ. އެގޮތުން، މިނިސްޓަރ ވަނީ މިޕާކިން އިމާރާތުގެ މަޝްރޫޢުއަކީވެސް އެކުންފުނީގެ އެހެން މަޝްރޫޢުތަކާއި އެއްގޮތަށް، ފުރިހަމައަށް ނިމިގެންދާނެ މަޝްރޫޢުއެއްކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ޕާކިން އިމާރާތް ތަރައްޤީކުރަނީ 7 ފަންގިފިލާއަށެވެ. މިއިމާރަތުގައި އަވިން ހަކަތަ ޖެނަރޭޓްކުރުމަށް ސޯލާ ޕެނެލް ހަރުކުރެވިފައި ހުރުމުގެ އިތުރުން، ރައްޔިތުންނަށް ލުއިފަސޭހަކުރުމުގެ ގޮތުން ފިހާރަތަކާއި ފާހަނާތައްވެސް މި އިމާރާތުގައި ހުންނާނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ހާއްސަ ޕާކިންގ ހިދުމަތް މި އިމާރާތުގައި ހިމެނޭނެކަމަށްވެސް އެޗް.ޑީ.ސީން މަޢުލޫމާތުދެއެވެ.