ޚަބަރު

ޤާނޫނުގައިވާ ލުއި އަދަބު ދިނުމަކީ އެއަދަބު ތަންފީޒު ނުކުރުމެއްނޫން: ޕީޖީ


ޤާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެއަދަބު ތަންފީޒު ނުކުރުންނޫންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް މިހެން ވިދާޅުވީ، ޤާނޫނުގައި މިހާރު އޮތް ޖޫރިމަނާ އަދަބުގެ އަސްލު، ޠަބީއަތާއި ޖޫރިމަނާ ފައިސާ ނުދެއްކުމުން ވާނެގޮތްކަމަށް ޤާނޫނާއި ޤަވާއިދުތަކުގައި އޮތް ގޮތާއި ގުޅޭގޮތުން އަމިއްލަ ބްލޮގުގައި ޝާއިޢު ކުރެއްވި ލިޔުމެއްގައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް، ޙުސައިން ޝަމީމް ވިދާޅުވީ ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅޭނެ އަދަބުގެ މިންވަރާއި، ދެވޭނެ އަދަބު ބަޔާންކޮށްފައިވާކަމަށެވެ. އެބައިގައި އޮތް ގޮތުން، އަޞްލު އަދަބަކީ އަބަދުވެސް ޖަލު އަދަބު ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދަބުގެ މިންވަރު ދެނެގަންނާނީ އެޤާނޫނުން ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތަޢާވަލަށް ބަލައިގެން ކަމަށާއި، އޭގައި އޮތީ ހަމައެކަނި ޖަލު އަދަބުގެ ވާހަކަ ކަމުގައިވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޤާނޫނުގައި މިފަދަ ކުށްތަކުގެ އަޞްލަކީ ޖަލު އަދަބުކަމަށް ކަނޑައެޅާފައި ވީނަމަވެސް، ހަމަ އެޤާނޫނުގައި އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތަޢާވަލުގައި ޖަލު އަދަބު، އެހެން އަދަބުތަކަށް ބަދަލުކުރެވޭގޮތާއި މިންވަރުތައް ކިޔައިދީފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ. އެގޮތުން ޖަލު އަދަބު ފިޔަވައި، ޤާނޫނު ދަންނަ އަދަބުތަކަކީ، ގޭ ބަންދުކުރުމާއި، މުޖްތަމަޢަށް ޚިދުމަތްކުރުމާއި، ޖޫރިމަނާއާއި، އުޅޭނޫޅޭގޮތް ބެލުމާއި ޕްރޮބޭޝަންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.


ޕީޖީ ވިދާޅުވީ އަދަބު ދިނުމަކީ މީހާ އިޞްލާޙުވާން ބާރުއަޅާ ކަމަކަށް ހެދުމުގެ މަފްހޫމް ކަމަށެވެ. އެމަފްހޫމުގެ ދަށުން، ކުށެއްކުރާ ހަމަ ކޮންމެ މީހަކު ޖަލަށްލުމުގެ ބަދަލުގައި، އެމީހަކު އިޞްލާޙުވާން އެކަށީގެންވާ އެހެން އަދަބެއް ދެވޭނޭ ގޮތަކަށް ޤާނޫނުން ޖާގަ ދޭކަމަށާއި، އެގޮތުން އަލަށް ކުށްކުރާ މީހަކު، ޖަލަށްލުމުގެ ބަދަލުގައި އެހެން އަދަބަކަށް ބަދަލުކޮށްދިނުމުން، އެމީހާ ކުށުގެ މާޙައުލުން ދުރުވުމަށް ބާރު އެޅިދާނެކަމަށް ބެލެވޭނަމަ، ފަނޑިޔާރަށް އެކަން އެގޮތަށް ކުރެއްވިދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކުށްކުރާ މީހުންނަށް އަދަބު ދިނުމަށް ޤާނޫނުލްޢުޤޫބާތުގައި މިއުޞޫލުތައް ތަޢާރަފު ކުރީ 2015 ވަނަ އަހަރުގައިކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް، އެކަމާބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދިފައި ނެތިގެން، އަދަބު ބަދަލުކުރުމުގެ ކަންތައް އޮތީ އެއްގޮތަކަށްވެސް ނުހިނގައިކަމަށާއި، ގަވާއިދު ހެދުން ޤާނޫނުން މަތިކޮށްފައި އޮތީ ދައުލަތުގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓާކަން ޝަމީމް ފާހަގަކުރެއްވިއެވެ.
ގިނަ އަހަރުތަކެއް ވަންދެން އެ ޤަވާއިދު އެކުލަވާނުލައި އޮތުމަށްފަހު، ޤަވާއިދު އެކުލަވާލީ މިހާރުގެ ސުޕްރީމް ކޯޓުން 2021 ވަނަ އަހަރުކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މިއުޞޫލުގައި މަސްހުނިކޮށް އަދަބު ދިނުމާއި، ކުށްވެރިޔާ ކުރި ކުށަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި، އެކަން ކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޖަލަށްލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒުކުރުމަށް ތަންފީޒީ އިދާރާއަށް ކުށްވެރިޔާ އެއްބާރުލުން ނުދިނުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ، އަދަބު ތަންފީޒު ނުކުރެވުނުކަމަށް ތަންފީޒު އިދާރާގެ ވެރިޔަކު ނިންމައި، އެ ނިންމުން ނިންމާތާ ފަނަރަ ދުވަހުގެ ތެރޭގައި އެ ނިންމުމާއި އެނިންމުމާ ގުޅުންހުރި އެންމެހާ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެއެވެ.

ޕީޖީ ވިދާޅުވީ ޤާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެއަދަބު ތަންފީޒުނުކުރުމެއް ނޫން ކަމަށެވެ. އަދަބު ތަންފީޒުވާކަން ކަށަވަރުކުރާން އޮތް މަގަކީ، ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަތައް މުރާޖަޢާ ކުރަން ހުށަހަޅަންޖެހޭ ގޮތަށް އޮންނަ އޮތުންކަމަށް ވިދާޅުވިއެވެ. މުރާޖަޢާކުރުމުން ނުކުންނާނެ ނަތީޖާއަކީ، ޖޫރިމަނާގެ އަދަބަށް އެއްބާރުލުން ނުދީ، ޖޫރިމަނާ ނުދައްކާ މީހުން، އަޞްލު އަދަބު ކަމުގައިވާ ޖަލު އަދަބަށް ބަދަލުކުރުންކަމަށާއި، ނުވަތަ އެމީހަކާ އެކަށީގެންވާ އެހެން އަދަބަކަށް ބަދަލުކުރުންކަމަށް ޝަމީމް ވިދާޅުވިއެވެ.

މިހުރިހާ އުޞޫލެއް ހިނގަނީ ހަމައެކަނި ޤާނޫނުލްޢުޤޫބާތުން އަދަބު ކަނޑައަޅައިފައިވާ ކުށްތަކަށް ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނު ނުވަތަ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުވުމުގެ ޤާނޫނު ފަދަ، ޚާއްޞަ ޤާނޫނުތަކުން އަދަބު ކަނޑައަޅާ މައްސަލަތަކަކަށް، ސުޕްރީމް ކޯޓުގެ އުޞޫލުގައި އޮތް އަދަބު ބަދަލުކުރުމުގެ ހަމަތަކެއް ނުހިނގާނެކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވިއެވެ.