ޚަބަރު

ސިވިލް ސަރވިސްގެ ނަޒާޙަތްތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރަނީ


ސިވިލް ސަރވިސްގެ ނަޒާހަތްތެރިކަން އިތުރުކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙުއެވެ. އަދި އޭ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލެވެ.

މި އެއްބަސްވުމުގެ ދަށުން، މި ދެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިނގިޔަނުދިނުމާއި، ނަޒާހަތްތެރިކަން އިތުރުކޮށް، ހަރުދަނާކުރެވޭނެ ގޮތަކަށް ނިޒާމުތަކާއި އުޞޫލުތައް އިޞްލާޙުކުރުމާއި، އެކަންކަމާއި ގުޅޭގޮތުން މުވައްޒަފުން ތަމްރީނުކުރުމަށް މަގުފަހިވެގެންދާނެކަމަށް އޭ.ސީ.ސީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ދެ ކޮމިޝަނުގެ ރައީސުންވެސް ވަނީ މިކަމުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކާއި، ފެންނާނެ ހެޔޮޮބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނާއި، އޭ.ސީ.ސީގެ މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެފައެވެ.