ޚަބަރު

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު ޢައްޔަނުކުރައްވައިފި


އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް، އެސް.ޑީ.އެފް.ސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީ.ސީ.ބީން އެސް.ޑީ.އެފް.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރައްވާފައިވަނީ އަޙްމަދު ސިރާޖާއި މުޙައްމަދު މުޖާޙް މުނީރެވެ.

މި ދެބޭފުޅުންވެސް އެސް.ޑީ.އެފް.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރައްވާފައިވަނީ ނަން-އެކްޒެކެޓިވް މެންބަރުންގެ ގޮތުގައެވެ. މި ދެ ބޭފުޅުން މަޤާމަށް ޢައްޔަނުކުރިކަމުގެ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި، ޕީ.ސީ.ބީގެ ރައީސް އާޞިމް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޕީ.ސީ.ބީން ވަނީ ޕީ.ސީ.ބީގެ ޤާނޫނާއި ކޯޕަރޭޓް ގަވަރނަންސް ކޯޑާގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އަދި ޕީ.ސީ.ބީން ކުރިއަށްގެންދިޔަ އެސް.ޑީ.އެފް.ސީގެ ފައިނޭންޝަލް އަދި ގަވަރނަންސް ރިވިއުތަކުން ފާހަގަކުރެވުނު ކަންކަން ޙިއްސާކޮށް، އެކަންކަން އިސްލާޙުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެސް.ޑީ.އެފް.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެއްވި އަޙްމަދު ސިރާޖަކީ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ސިރާޖު މިހާރު އަދާކުރައްވަމުންދަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެންބަރުގެ މަޤާމުވެސް އެބޭފުޅާ ގެންދަވަނީ އަދާކުރައްމުންނެވެ. ސިރާޖް ވަނީ މީގެކުރިން ޕީ.ސީ.ބީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ.

އެސް.ޑީ.އެފް.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ދެން ޢައްޔަނުކުރެއްވި މުޙައްމަދު މުޖާޙް މުނީރަކީ އެމެރިކާގެ ޗާޓަރޑް ފައިނޭންޝަލް އިންސްޓިޓިއުޓްގެ ޗާޓަރޑް ފައިނޭންޝަލް އެނަލިސްޓްކަން ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފުރަތަމަ ޑިގްރީ ހާޞިލުކުރައްވާފައިވަނީ ދަ ޔުނިވަރސިޓީ އޮފް ނޮޓިންގްހަމްއިން ބިޒްނަސް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިންނެވެ.

މުޙައްމަދު މުޖާޙް މުނީރު މިހާރު އަދާކުރައްވަމުންދަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ މަޤާމެވެ. އެބޭފުޅާ ވަނީ މީގެކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓުގެ އިންވެސްޓްމަންޓް އެންޑް ޕޯޓްފޯލިއޯ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިޒާވް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް މެނޭޖަރގެ މަޤާމުވެސް ފުރުއްވާފައެވެ.

އެސް.ޑީ.އެފް.ސީއަކީ ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމެވެ.