ޚަބަރު

ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ ޝާހިދު އެންގޯލާއަށް


ފޮރުން މިނިސްޓަރ ޢަބްދުالله ޝާހިދު އެންގޯލާއަށް މިރޭ ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިޞިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ މި ސަމިޓަކީ "ތިން ބައްރުގެ، ތިން ކަނޑުގެ، އެއް މަންޒިލަށް: އޯ.އޭ.ސީ.ޕީ.އެސް މިހާރަށްވުރެ ދެމެހެއްޓެނިވި، އަދި ވިލުންވެރިކަމާއި ދިމާއަށް" މި ޝިއާރުގެ ދަށުން ބާއްވާ ސަމިޓެކެވެ.

މި ސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ އިސްވެރިން އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަން ވުމަށް ރާއްޖޭން ހުށަހަޅާފައިވާ ހުށައެޅުން ޤަބޫލު ކުރައްވައި، އެޖަމުޢިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ދެއްވާނެ ކަމަށް ބެލެވެއެވެ. މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އެޖަމުޢިއްޔާގެ އޮބްޒާވަރެއްގެ ހައިޞިއްޔަތު ރާއްޖެއަށް ލިބިފައިވެއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27 އިން 28 އަށް ބޭއްވި އެޖަމުޢިއްޔާގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި އެޖަމުޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުން ވަނީ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށައެޅުމަށް ތާޢިދުކުރައްވާކަން ހާމަކުރައްވާފައެވެ.