ޚަބަރު

މިދިޔަ މަހު 192 މީހުންގެ މައްޗަށް 249 ދަޢުވާ


ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ މަހުގެ ހުށަހެޅި މައްސަލަތަކުގެ ތެރެއިން، އެކި މައްސަލަތަކުގައި 192 މީހެއްގެ މައްޗަށް 249 ދަޢުވާއެއް ކޯޓުތަކަށް ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް، ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޕީޖީ އޮފީހުން ކޮންމެ މަހަކު ޢާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަމަހު ދަޢުވާ ކުރުމަށް އެދި 273 މައްސަލައެއް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން އެ އޮފީހުން ބަލައިގަނެފައިވަނީ 103 މައްސަލައެވެ. އެކި ސަބަބުތަކާހެދި 41 މައްސަލައެއްގައި ދަޢުވާ ނުކުރުމަށްވަނީ ނިންމާފައެވެ. އިތުރު މައުލޫމާތު ސާފު ކުރުމަށް 69 މައްސަލައެއް އަނބުރާ ފޮނުވާލިއިރު، 60 މައްސަލައެއް ދަނީ ދިރާސާ ކުރަމުންނެވެ.

މިދިޔަ މަހު ދަޢުވާކުރުމަށް އެންމެގިނަ ޢަދަދަށް ހުށަހަޅާފައިވަނީ ފާއިތުވެދިޔަ މަސްތަކުގައިވެސް އެންމެ ގިނައިން ކޯޓުތަކަށް ހުށައެޅި މައްސަލައިގެ ގޮތުގައި ހިމެނޭ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ 61 މައްސަލައެއްގައި ދަޢުވާ ކުރުމަށް އެދިފައިވެއެވެ.

މިދިޔަ މަހު އެކި އިދާރާތަކުން ތަހުގީގު ނިންމައި ދައުވާ ކޮށްދޭން ފޮނުވި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހެޅީ ފުލުހުންނެވެ. އެގޮތުން ފުލުހުން ވަނީ 260 މައްސަލަ ޕީޖީއަށް ފޮނުވާފައެވެ. އޭސީސީން 8 މައްސަލައެއް ފޮނުވިއިރު އެޗްއާރުސީއެމް އިން ވަނީ 2 މައްސަލައެއް ޕީޖީއަށް ފޮނުވާފައެވެ.

މިދިޔަ މަހުގެ ކޯޓުތަކަށް ހުށައެޅި މައްސަލަތަކުގައި ދައުވާކޮށްފައިވާ މީހުންގެ އުމުރަށް ބަލާއިރު އެންމެ ގިނަ ޢަދަދަކަށް ދައުވާ ކޮށްފައިވަނީ 25 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މިދިޔަ މަހު އެންމެ ގިނަ ޢަދަދަކަށް މައްސަލަ ނިންމާފައިވަނީ ޑްރަގު ކޯޓުންނެވެ. އެކޯޓުން ވަނީ 101 މައްސަލަ ނިންމާފައެވެ. ކްރިމިނަލް ކޯޓުން 64 މައްސަލައެއް ނިންމާފައިވާއިރު، އަތޮޅު ތެރޭގެ ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް މިދިޔަ މަހު މައްސަލަ ނިންމާފައިވަނީ ގދ.ގައްދޫ ކޯޓުންނެވެ. އެކޯޓުންވަނީ 14 މައްސަލައެއް ނިންމާފައެވެ.