ޚަބަރު

ސަރުކާރުގެ ސިޔާސަތުގެ ހެޔޮ ބަދަލު؛ ރިޓްޒް ކާލްޓަންގެ މުވައްޒަފުންނަށް 26 ހާހަށްވުރެ ގިނަ ރުފިޔާ


މިދިޔަ ނޮވެންބަރުމަހު ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި، 1720.42 ޑޮލަރު ނުވަތަ 26528 ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި ވަނީ 21 ރިސޯޓެއްގެ ސަރވިސް ޗާޖާއި ގުޅޭ މައުލޫމާތުތައް އާއްމުކޮށްފައެވެ.

މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް ސަރވިސް ޗާޖު ދިން ރިސޯޓަކަށް ރިޓްސް ކާލްޓަން ރިސޯޓުވެފައިވާއިރު، އެ ރިސޯޓާއިއެކު މިދިޔަމަހު 1000 ޑޮލަރަށްވުރެ ބޮޑު އަދަދަކުން އިތުރު ތިން ރިސޯޓަކުން މުވައްޒަފުންނަށް ސަރވިސް ޗާޖު ދީފައިވެއެވެ. އެއީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް، ވަކަރު މޯލްޑިވްސް ރިސޯޓް އަދި ރީތިރަށް އައިލެންޑް ރިސޯޓެވެ.

މުވައްޒަފުންނަށް އެންމެ މަތިން ސަރވިސް ޗާޖް ދީފައިވާ ރިސޯޓުތައް

- ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓު - 26528 ރުފިޔާ
- ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު - 21850 ރުފިޔާ
- ވަކަރު މޯލްޑިވްސް ރިސޯޓު - 17377 ރުފިޔާ
- ރީތިރަށް އައިލެންޑް ރިސޯޓު - 15497 ރުފިޔާ
- ސޮނެވާ ޖާނީ އަދި ސޮނެވާ ފުށި - 14517 ރުފިޔާ

މުވައްޒަފުންނަށް ރިސޯޓުތަކުން ދޭ ސަރވިސް ޗާޖް އެހެން މަސްތަކާއި އަޅާބަލާއިރު މިދިޔަމަހު އިތުރުވެފައި ވަނީ ފަތުރުވެރިންގެ ޕީކް ސީޒަން ފެށުމާއި ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާތީއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތާފާސް ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5542 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އަހަރުގެ އެހެން މަސްތަކުގައިވެސް، ރިޓްޒްކާލްޓަން ރިސޯޓުން ވަނީ މުވައްޒަފުންނަށް ބޮޑު އަދަދަކުން ސަރވިސް ޗާޖް ދީފައެވެ. އެގޮތުން، މިއަހަރު އެރިސޯޓުން ސަރވިސް ޗާޖް އެންމެ ގިނައިން ދީފައިވަނީ ޖެނުއަރީ މަހުއެވެ. ޖެނުއަރީ މަހު އެރިސޯޓުން ވަނީ ސަރވިސް ޗާޖްގެ ގޮތުގައި 51533 ރުފިޔާ ދީފައެވެ. ދެން އެންމެ ގިނައިން އެރިސޯޓުން ސަރވިސް ޗާޖްދީފައި ވަނީ، މާރޗް މަހުއެވެ. މާރޗް މަހު އެރިސޯޓުން، 34525 ރުފިޔާ ސަރވިސް ޗާޖްގެ ގޮތުގައި ދީފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވިސް ޗާޖު ނުދޭ މައްސަލައާއި ސަރވިސް ޗާޖު ބެހުމުގައި ހަމަހަމަކަމެއް ނެތުމުގެ ޒަމާންވީ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ބޮޑު ހައްލެއް ގެނެސްދެއްވާފައެވެ. އެގޮތުން، ވަޒީފާއާއި ބެހޭ ޤާނޫނަށް ސަރުކާރުން މިހާރު ސާވިސްޗާޖުގެ ގޮތުގައި ނަގާ ޢަދަދުގެ މަދުވެގެން %10 މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމްކޮށް ޤާނޫނު ވަނީ އިސްލާހުކޮށްފައެވެ. މި ޤަވައިދާއި އެއްގޮތަށް މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރވިސްޗާޖު ދަނީ ނަގަމުންނެވެ. މީގެ އިތުރުން މިއަހަރު ފެށުނުއިރު މިނިމަމް ވޭޖަށް އަމަލު ކުރަން ސަރުކާރުން ނިންމާފައިވުމުން މިކަމުގެ ހެޔޮ ނަތީޖާ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންގެ މުސާރައިން ދަނީ ވަރަށް ބޮޑަށް ފެންނަމުންކަމަށް މުވައްޒަފުން ބުނެނެވެ.