ދުނިޔޭގެ ވިޔަފާރި

ސެމްސަންގްއާއި އެލްޖީއިން ވިއެޓްނާމުގައި އިންވެސްޓްކުރަނީ


ދެކުނު ކޮރެއާގެ އިލެކްޓްރޯނިކްސް ކުންފުނި ސެމްސަންގް އާއި އެލްޖީއިން ވިއެޓްނާމަށް ޤާއިމްކޮށްފައިވާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަމަށް ވިއެޓްނާމް ސަރުކާރުން ބުނެފިއެވެ.

ސެމްސަންގުން މިކަން އިއުލާންކޮށްފައިވަނީ ދުނިޔޭގެ ޑިމާންޑް ދަށްވުމުގެ ސަބަބުން ސެމްސަންގުން މިއަހަރު ދެ ފަހަރެއްގެ މަތިން ވިއެޓްނާމްގައި ސްމާޓްފޯން އުފެއްދުން މަދުކޮށްފައިވަނިކޮށެވެ.

ވިއެޓްނާމްގައި މިހާރު ހުރި އެންމެ ބޮޑު އެއް ބޭރުގެ އިންވެސްޓަރު ސެމްސަންގް އިލެކްޓްރޯނިކްސްއިން އެގައުމުގައި ކުރާ ޖުމްލަ އިންވެސްޓްމަންޓް 18 ބިލިއަން އެމެރިކާ ޑޮލަރުން 20 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރާނެކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ އިންވެސްޓްމަންޓާއި ގުޅޭގޮތުން ސެމްސަންގުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް މިކަމާއި ގުޅުންހުރި ފަރާތްތަކުން ބުނިގޮތުގައި މި އަހަރު ނިމޭއިރު މި އިންވެސްޓްމަންޓް ގެންނަން ވަނީ ނިންމާފައެވެ.

ސެމްސަންގުން އުފައްދާ ސްމާޓްފޯނުގެ ދެބައިކުޅަ އެއްބައި ފޯނު އަހަރުތަކެއް ވަންދެން އުފައްދާފައި ވަނީ ވިއެޓްނާމްގައެވެ. އަދި އެގައުމުގެ ޖުމްލަ އެކްސްޕޯޓުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ އެ ގައުމުގައި ސެމްސަންގުން އުފައްދާ ސްމާޓްފޯނެވެ.

ސެމްސަންގުން ވިއެޓްނާމްގައި މި ކުރާ އިންވެސްޓްމެންޓުގެ ސަބަބުން އެ ކުންފުނިން ފޯނު އުފައްދާ މައިގަނޑު ގައުމުގެ ގޮތުގައި ވިއެޓްނާމް އިތުރަށް ވަރުގަދަ ވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން މިހެން ބުނެފައި ވަނީ ވިއެޓްނާމްގެ ރައީސް ނުގްޔެން ޒުއަން ފުކް އާއި ސަމްސަންގުގެ ޗީފް އެކްޒެކްޓިވް ހާން ޖޮން ހީ އާއި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހުގައެވެ.

ވިއެޓްނާމް ސަރުކާރުން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި ސްމާޓްފޯން ކެމެރާ އުފެއްދުމުގެ ހަބަކަށް ހެދުމަށް އެލްޖީން އެގައުމުގައި އިތުރު 4 ބިލިއަން އެމެރިކާ ޑޮލަރުވެސް އިންވެސްޓް ކުރާނެއެވެ.

އިލެކްޓްރޯނިކްސް، ގޭތެރޭގައި ބޭނުންކުރާ ސާމާނާއި ކެމެރާ އަދި ކާރުގެ ބައިތައް ފަދަ އުފެއްދުންތައް އުފެއްދުމަށް ވިއެޓްނާމްގައި މިހާތަނަށް 5.3 ބިލިއަން އެމެރިކާ ޑޮލަރު އެލްޖީއިން ވަނީ އިންވެސްޓްކޮށްފައެވެ.

ސެމްސަންގުން ވިއެޓްނާމްގައި އިތުރަށް އިންވެސްޓްކުރަން ނިންމާފައިވާއިރު، ވިއެޓްނާމް އާއި ދެކުނު ކޮރެއާއިން ހޯމަ ދުވަހު ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނަޝިޕް" ގުޅުން ގާއިމުކޮށްފައެވެ. ދެކުނު ކޮރެއާއިން މި ގުޅުން މިހާތަނަށް ގާއިމުކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، ރަޝިއާ އަދި ޗައިނާއެވެ.

ދެގައުމުގެ އަމާޒަކީ އަންނަ އަހަރު ދެ ގައުމުގެ ވިޔަފާރި 100 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމާއި، 2030 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 150 ބިލިއަން އެމެރިކާ ޑޮލަރަށް ވިޔަފާރި އިތުރުކުރުމެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިލެކްޓްރޯނިކްސް ކުންފުނިތަކުން އުފެއްދުންތައް އުފައްދަން އެންމެ ޝައުގުވެރިވާ އެއް ގައުމަކަށް ވިއެޓްނާމް ވެފައި އޮތް ނަމަވެސް ދުނިޔޭގެ ޑިމާންޑް ދަށްވުމުން ވިއެޓްނާމްގެ މިއަހަރުގެ އުފެއްދުންތެރިކަން ވަނީ މަދުވެފައެވެ.