ޚަބަރު

ސްކޭމް ކޯލުތަކާއި، ޓެރަރިޒަމާއި ދެކޮޅަށް މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް


މަކަރާއި ޙީލަތުން އާންމުންގެ އަތުން ފައިސާ ފޭރުމަށް ހިންގާ ކުށްތަކާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގުމަށް ކުރާ ކުއްތަކާއި ދެކޮޅަށް، ޖަލު ބަލައި ފާސްކުރުމަށް ކ.މާފުށީ ޖަލުގައި ޚާއްޞަ އޮަޕރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ ރޭގައެވެ. ފުލުހުން ވިދާޅުވީ ކ.މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި، ޓެރެރިޒަމަށް މަގުފަހިވާ ޢަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން، މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސްއިން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާކަމަށެވެ. އެހެންކަމުން ރޭ ފެށި މި އޮޕަރޭޝަނަކީ މިއާއި ގުޅިގެން ފެށި އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންނާ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަރެކްޝަން ސަރވިސް ގުޅިގެންނެވެ.

ފުލުހުންނާ ކަމާ ގުޅުންހުރި އިދާރާތަކުން މިހާތަނަށް ޙާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އޮޅުވާލައިގެން މީހުންގެ މަޢުލޫމާތާއި، ފައިސާ ހޯދުމުގެ ސްކޭމް ކޯލްތައް އެންމެ ގިނައިން އަންނަކަމަށް ފާހަގަކޮށްފައިވަނީ ޖަލުތަކުންނެވެ. މިކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކޮށް، ސްކޭމް ކޯލްތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމާއި ދެކޮޅަށް މުއައްސަސާތައް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ.

ސްކޭމް ކޯލްތަކުގެ މައްސަލަ ރާއްޖޭގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއަހަރުވެސް ސްކޭމް ކޯލްތަކުގެ ޒަރިއްޔާއިން އޮޅުވާލައިގެން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ، މީހުންގެ އަތުން ގެއްލިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ސްކޭމްގެ މައްސަލައާއި ގުޅިގެން މިހާތަނަށް 590 ސިމް ޑިސްކަނެކްޓްކޮށް، 532 މޯބައިލް އައިޑެންޓިފިކޭޝަން ނަމްބަރު ވަނީ ބްލޮކްކޮށްފައެވެ. އަދި 10އައިޕީއާއި 14 ވެބްސައިޓްވެސް ވަނީ ބްލޮކްކޮށްފައެވެ.

ރާއްޖޭގެ ޖަލުތަކުގައި ކުށްކުރުން އާންމުވުމާއި، ކުށްތަކުގައި ޖަލަށްލާ މީހުން އެތަނުން ނުކުންނައިރު އެއަށް ވުރެ ބޮޑެތި ކުށްތަކަށް އަރައިގަންނަ މައްސަލައަކީ ރާއްޖޭގެ މުޖުތަމައުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވާ އެއް މައްސަލަކަމަށް ހޯމް މިނިސްޓަރވެސް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޖަލުތަކަކީ ރިހެބިލިޓޭޓް ކުރާ ތަންތަނުގެ ގޮތުގައި ބައްޓަން ކުރުމަށެވެ.