ޚަބަރު

ފުރަތަމަ ފަހަރަށް އެންމެ ފަނޑިޔާރަކު އިންނަވައިގެން ހައި ކޯޓުގައި ޝަރީޢަތެއް


ޖިނާއީ އިޖުރާޢަތުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު އެންމެ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެން މިއަދު ޝަރީޢަތެއް ކުރިއަށް ގެންދަވައިފިއެވެ.

ހައިކޯޓުން މިހާތަނަށް ޝަރީޢަތްތައް ހިންގަމުންއައީ ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެންނެވެ. ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ގާނޫނުގައި ބަޔާންކުރަނީ ކޯޓުން މައްސަލަތައް ބަލަން ޖެހޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުންކަމަށެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިޞްލާހުގައި ވަނީ ހައިކޯޓުން ކުރިއަށް ގެންދާ ބައެއް ޝަރީޢަތްތައް އެންމެ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެންވެސް ކުރިއަށް ގެންދެވޭނެކަމަށް ބަޔާންކޮށްފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަ ކުރިއަށް ގެންދެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

އެ ޝަފރީޢަތަކީ ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން އިސްތިއުނާފްކޮށްފައިވާ މައްސަލައެކެވެ.


ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

އެ އިސްލާހާއިއެކު އެއް ފަނޑިޔާރަށް މައްސަލަ ބެލޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައި ނިންމުމެއް، ގާނޫނު އަސާސީއާ ނުވަތަ ޝަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން އެ ހުކުމެއް އަމުރެއް ނުވަތަ ނިންމުމެއްގެ އިސްތިއުނާފްކުރުމުގެ މައްސަލައެވެ. މިފަދަ މައްސަލަތަކަކީ ހަތް ދުވަސް ތެރޭގައި ނިންމަން ޖެހޭ މައްސަލަތަކެކެވެ.

މީގެ އިތުރަށް ދަށު ކޯޓުން ހުށަހަޅާ ބައެއް މައްސަލަތަކުގައިވެސް އެއް ފަނޑިޔާރަށްވެސް މައްސަލައާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި އެ ކޯޓަކުން ނިންމާ ނިންމުންތަކާއި ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއްގެ އިސްތިއުނާފީ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ.