ޚަބަރު

އޭވިއޭޝަން ދާއިރާ: ދިވެހި އިޤުތިޞާދުގެ މައިބަދަ ހިފަހައްޓައި ދިނުމުގެ މުހިންމު ބައިވެރިއާ


ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ދުނިޔޭގެ އެއް ޤައުމުު އަނެއް ޤައުމާއި ގުޅާލަދޭ އެންމެ މުހިންމު އެއް ވަސީލަތެވެ. މިނިޒާމާއި އެކު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިވަނީ ބަދަހިވެފައެވެ. ޤައުމެއްގެ އިޤްތިސާދާއި މި ދާއިރާއާއި އޮންނަ ގުޅުން ބޮޑުކަމުން މިދާއިރާވެފައިވަނީ ހުރިހާ ޤައުމަކަށްވެސް މުހިއްމު ދާއިރާއަކަށެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަސް ފާހަގަކުރަމުންދަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން ޑޭ ނުވަތަ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެގޮތުގައެވެ. މި ދުވަސް ފުރަތަމަ ފާހަގަ ކުރަން ފެށުނީ 1994 ވަނަ އަހަރު އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއަށް 50 އަހަރު ފުރުމުގެ ޙަރަކާތްތަކުގެ ތެރެއިންނެވެ. 1996 ވަނަ އަހަރު އައިކާއޯގެ އިސްނެގުމުގެ މަތީން، އ.ދގެ ޖެނެރަލް އެސެމްބްލީން ވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހަކީ އ.ދ. ގެ ނިޒާމުގެ ތެރެއިން ފާހަގަ ކުރާ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ގޮތުގައި ބަލައިގެންފައެވެ.

ދުނިޔޭގެ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުތަކުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އޭވިއޭޝަން ދާއިރާއަކީ ކިހާ މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ހާމަކޮށްދީ، އެ ދާއިރާއާމެދު މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރިކުރުވުމެވެ. އަދި އދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމުގައި އޭވިއޭޝަން ދާއިރާއިން އަދާކުރާ ދައުރާއި، އެ ދާއިރާއަށް ދެވޭ ސަމާލުކަން އިތުރުކޮށް، ދެމެހެއްޓެނިވިގޮތެއްގައި އެ ސިނާޢަތް ކުރިއަރުވާ ތަރައްޤީކުރުމަށް ޤައުމުތަކަށް ބާރުއެޅުމެވެ. ހަމައެހެންމެ މި ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ މަޤްޞަދެކެވެ.

އައިކާއޯއިން މިދުވަސް ފާހަގަކުރަމުންދަނީ ކޮންމެ 5 އަހަރަކަށް ވަކި ޚާއްސަ ތީމެއް ނުވަތަ ޝިއާރެއް ކަނޑައަޅައިގެންނެވެ. އެގޮތުން 2019 އިން 2024 އަށް އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "އެޑްވާންސިންގ އިނޮވޭޝަން ފޯރ ގްލޯބަލް އޭވިއޭޝަން ޑިވެލޮޕްމަންޓް" އެވެ. މިއީ ދުނިޔޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމުގައި މިހާރަށްވުރެ ބޮޑަށް އީޖާދީގޮތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރެކެވެ.

ރާއްޖޭގެ މަދަނީ ވައިގެދަތުރުގެ ސިނާޢަތް ވަރަށް އާދައިގެ ގޮތަކަށް ފެށިގެން ދިޔަނަމަވެސް މިއަދު އެ ސިނާޢަތަކީ ދިވެހި ޤައުމަށް މުހިންމު އަދި ލާބައާއި މަންފާކުރަނިވި އިޤުތިޞާދީ ޙަރަކާތެކެވެ. ދިވެހި އިގުތިޞާދުގެ މައިބަދަ ހިފަހައްޓައި ދިނުމުގެ މުހިންމު ބައިވެރިއެކެވެ. ފަތުރުވެރިކަމުގެ ސިނާޢަތާ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ގުޅިލާމެހިފައިވާއިރު މި ދެ ސިނާޢަތް އެއްކޮށް ރާއްޖޭގެ ޖީ.ޑީ.ޕީގެ ޙިއްސާ 58 އިންސައްތައަށް ވުރެ މަތިއެވެ. މުޅި ރާއްޖޭގެ ޖީޑީޕީގެ ދެބައިކުޅަ އެއްބައި މި ދެ ސިނާޢަތަށް ބަރޯސާވާއިރު، ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް އައިސްފައިވާ އަދި އަންނަމުންދާ ކުރިއެރުންތަކާއި މެދު ފަޚުރުވެރިވުން ޙައްޤެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ދިވެހި ބިމުގައި ގާއިމުކުރެވުނު އުދުހޭ ބޯޓު ޖައްސާ ފުރަތަމަ ސްޓޭޝަން އައްޑު އަތޮޅު ގަމުގައި ހެދީ 1942 ވަނަ އަހަރު އިނގިރޭސީންގެ އެހީތެރިކަމާއެކުއެވެ. އޭގެ 18 އަހަރު ފަހުން ހުޅުލޭގައި،"ލޭންޑިން ސްޓްރިޕެއް" ޤާއިމު ކުރެވުނެވެ. ވައިގެ ދަތުރުގެ މުހިންމުކަން ދިވެހިންނަށް ބޮޑުވެ އެފަދަ ދަތުރުތައް އެތެރެއަށާއި ބޭރަށް ކުރެވޭނެ މަގުތައް ހުޅުވިފައި އޮތުމުގެ ބޭނުން ދިވެހިންނަށް ވިސްނިގެންދިޔުމުގެ ނަތީޖާއަކަށްވީ ޤައުމީ ރޫޙު އިސްކޮށް، ހުޅުލޭގައި ދިވެހިންގެ އަމިއްލަ ވައިގެ ބަނދަރެއް ހެދުމުގެ މަސައްކަތް 1964 އަހަރު ފެށިގެން ދިއުމެވެ.

ދިވެހިން އަމިއްލައަށް ތަރައްޤީކުރަން ފެށި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކޮށް 1974 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ މެމްބަރަކަށް ދިވެހިރާއްޖެވިއެވެ. އެހިސާބުން މެމްބަރު ޤައުމުތަކުގެ ސިޔާދަތީ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ހުޅުވި، ވައިގެ މަގުން ދަތުރު ކުރާއިރު ބޭނުންވާ މަޢުލޫމާތާއި ސަލާމަތްތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިއަކަށް ދިވެހިރާއްޖެ ވެގެންދިޔައެވެ.

ދިވެހިންގެ ހިންމަތާއި މިންނަތުން ތަރައްޤީކުރަން ފެށި ވައިގެ ދަތުރުގެ ޚިދުމަތް، 70 ގެ އަހަރުތަކާ ބައްދަލުކުރި އިރު، މާލެއާއި ކޮލަންބޯއާ ދެމެދު މަހަކު ދެ ދަތުރު ކަހަލަ ގޮތަކަށް ކުރެވެމުން ދިޔައެވެ. އޭގެ ފަހުން 1976 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގައި އިންޑިއަން އެއަރލައިންސްއިން އިންޑިޔާ އާއި މާލެއާ ދެމެދު ޤަވާޢިދުން ދަތުރުތައް ފެށިގެން ދިޔައެވެ. އަދި އޭގެ ތިން އަހަރު ފަހުން ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ޤަވާޢިދުން ވައިގެޚިދުމަތުގެ ދަތުރުތައް ކުރެވެން ފެށިއެވެ. މި ހިސާބުން ދިވެހިންގެ ވައިގެ ދަތުރުތަކުގެ ފިޔަގަނޑު އޭޝިޔާ ސަރަހައްދަށް ފަތުރާލިއެވެ.

ޤުދުރަތީ ރީތިކަން ލިބިފައިވާ މި ހިތްގައިމު ދިވެހި ރާއްޖެ މުޅި ދުނިޔެއަށް ތަޢާރަފުވެ ބޭރު ޤައުމުތަކާ އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ ފުރުޞަތު ދިވެހިންނަށް ފަހިވެގެން ދިޔުމާއި އެކު، 1981 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ވައިގެބަނދަރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވިގެން ދިޔައެވެ. ދުނިޔޭގެ މަޝްހޫރު އެއަރލައިންތަކުގެ ރާޑަރަށް ދިވެހިންގެ ހިތްގައިމު މަންޒިލް އަރާފައިވާ އިރު، މިއަދު ދިވެހިރާއްޖެ އާއި ދުނިޔޭގެ 50 ޤައުމަކާ ދެމެދު ވައިގެ ޚިދުމަތް ދިނުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރެވިފައެވެ. އަދި ރާއްޖެއަށް މިހާރު 43 އެއަރލައިނަކުން ދަނީ ދަތުރުތައް ކުރަމުންނެވެ.

މީގެ 65 ވަރަކަށް އަހަރު ކުރިން ފެށި، ވައިގެ ދަތުރުތަކުގެ ޚިދުމަތް ފުޅާވެ ކުރިއަރަމުންދަނީ އިޤްތިޞާދުގެ ބާރާއި ދުޅަހެޔޮ ދުވެލި ދައްކުވައިދޭ ގޮތެއްގައެވެ. ޖަޒީރާ ރާއްޖެ ތަރައްޤީކޮށް، އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ހޯދައި ދިނުމަށް މުޅި ރާއްޖެ ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަކީ ސަރުކާރުގެ އިސްތިރާޖީ ސިޔާސަތެވެ. އެގޮތުން 4 ބައިނަލް އަޤުވާމީ އެއާޕޯޓާއެކު މިހާރު ރާއްޖޭގައި ޖުމުލަ 18 އެއާޕޯޓުން ޚިދުމަތް ފޯރުކޮށްދެވެއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރީން، މީހުން ދިރިއުޅޭ ރަށްރަށުން 30 މިނިޓުގެ ކަނޑުދަތުރުގެ ރާސްތާއަކުން ދެވޭ ހިސާބުގައި ވައިގެ މަގުން ދަތުރު ކުރެވޭނޭ އިންތިޒާމު ހަމަޖެެއްސުމެވެ.

ވައިގެ ދަތުރުފަތުރު ތަރައްޤީކުރުމުގެ މަސައްކަތުގައި ފާހަގަކުރެވޭ އެންމެ މުހިންމު އެންމެ މަޝްރޫޢަކީ "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް" ތަރައްޤީ ކުރުމުގެ މަޝްރޫޢެވެ. އެ މަޝްރޫޢު މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، "ކޯޑް-އެފް" ރަންވޭ ހުޅުވި ޚިދުމަތް ދިނުމަށް ވަނީ ފެށިފައެވެ. އައު ރަންވޭ ހުޅުވުމާއެކު ކުރީގެ ރަންވޭ ޓެކްސީވޭ އެއްގެ ގޮތުގައި ބޭނުންކުރަންފެށި، އެއްވަގުތެއްގައި ޚިދުމަތްދެވޭ މަތިންތާ ބޯޓުތަކުގެ ޢަދަދު އިތުރުވެ، އޮޕަރޭޝަންތައް ހިންގުމުގެ އިންތިޒާމުތައްވަނީ އިތުރަށް ފަސޭހަކުރެވިފައެވެ. އަހަރަކު އެތައް މިލިއަން ފަސިންޖަރުންނަކަށް ޚިދުމަތް ދެވޭގޮތަށް ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމު ކުރެވޭ ބައިނަލްއަޤުވާމީ ޓާމިނަލް އަންނަ އަހަރު ބޭނުން ކުރަންފެށޭނެއެވެ.

ފުޅާވަމުންދާ ވައިގެ ދަތުރުފަތުރުގެ ސިނާޢަތައް ލިބިފައިވާ ކުރިއެރުންތަކާއި ކުރިއަށް ހުރި މަޝްރޫޢުތަކާއި ޙަރަކާތްތަކަށް ބަލާއިރު މިއީ އުޖާލާ މުސްތަގުބަލެއް އޮތް ސިނާޢަތެކެވެ. ވިޔަފާރިތައް ތަރައްޤީ ކުރެވޭނޭ ނަފާވެރި އަދި މަތީ ތަޢުލީމާއި ވަޒީފާގެ ތިޔާގި ފުރުޞަތުތަކެއް އޮތް ދާއިރާއެކެވެ.