ޚަބަރު

"ދުމަށި" އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިކުރަން ފަށަނީ


މަހާއި މަހުގެ ބާވަތްތަކުން ތަކެތި އުފައްދާ އަންހުންނަށް އެތަކެތި ވިއްކުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، އިންޓަރނޭޝަނަލް ޕޯލް ލައިން ފައުންޑޭޝަން، އައިޕީއެންއެލްއެފް މޯލްޑިވްސްއިން ތަޢާރަފްކުރި "ދުމަށި" އެޕްލިކޭޝަނުން މަހުގެ ބާވަތްތައް ވިއްކަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެޖަމްއިއްޔާއިން ހާމަކޮށްފިއެވެ.

މިއެޕްލިކޭޝަން މެދުވެރިކޮށް ތަކެތި ވިއްކަން ހުށައެޅުމުގެ ފުރުސަތު ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އައިޕީއެލްއެފްއިން ބުނީ ރާއްޖޭގައި އަންހެނުން އުފައްދާ މަހުގެ ބާވަތްތަކަށް އެކަށީގެންވާ އަގެއް ނުލިބުމާއި، ރަށްރަށުގައި ތިބެގެން ބުރަ މަސައްކަތުން މަހުގެ އެކި އުފެއްދުންތައް އުފައްދާ އަންހެނުންނަށް އެ އުފެއްދުންތަކުން ލިބެންޖެހޭ ސީދާ ނަފާ ނުލިބުމަކީ މަހުގެ ބާވަތްތަކުގެ ވިޔަފާރިކުރާ އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.

މީގެއިތުރުން، ރަށްރަށުގައި ތިބެގެން އުފައްދާ ތަކެތި މާލެ ފޮނުވުމުގައި ކުރިމަތިވާ ދަތިތަކާއި، މާލެ ދަތުރުކުރާ ބޯޓުތައް މެދުވެރިކޮށް ފޮނުވާ ތަކެއްޗަށް ވާނުވާ ނޭނގުމުގެ އިތުރުން، އެތަކެތިން ލިބުނު އަސްލު އަގު ނޭނގުމުގެ މައްސަލައަކީވެސް މިތަކެތި އުފައްދާ އަންހެނުންނަށް ވިޔަފާރިކުރުމުގައި ދިމާވާ ގޮންޖެހުމެއް ކަމަށްވެސް އައިޕީއެލްއެފްއިން ފާހަގަކުރެއެވެ. މިފަދަ މައްސަލަތަކާއި ހުރެ މަސް ކައްކާ ހިއްކަމުން އަދި މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދަމުންދިޔަ ގިނަ އަންހެނުންނަށް ވަނީ އެމީހުންގެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވެފައި ކަމަށް އައިޕީއެންއެލްއެފްއިން ބުނެއެވެ.

'އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން " ދުމަށި" ގެ ނަމުގައި އެޕްލިކޭޝަނެއް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ މަހާއި މަހުގެ ބާވަތްތަކުން އުފައްދާ ތަކެއްޗަށް އެކަށޭނަ އަގެއް ހޯދާދިނުމަށް "ފިން-ޓެކް" ޓެކްނޮލޮޖީ ބޭނުންކޮށްގެން "ޕްލެޓްފޯމެއް" ނުވަތަ "އެޕްލިކޭޝަން" އެއް ގާއިމްކޮށް އޭގެ ޒަރިއްޔާއިން ވީހާވެސް ރަނގަޅު އަގެއްގައި އެތަކެތި ވިއްކޭނެ ނިޒާމެއް ގާއިމްކޮށްދިނުން ކަމަށް އެޖަމްއިއްޔާއިން މަޢުލޫމާތުދެއެވެ.

މި އެޕްލިކޭޝަނަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން މިހާރު ވަނީ "ދުމަށި ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައެވެ. މިޕްރޮގްރާމްގެ މައިގަޑު މަޤްސަދަކީ ކުދި ވިޔަފާރިތަކުގެ ފައިސާގެ މުޢާމަލާތްތައް ހިންގޭގޮތްތަކާއި، މާކެޓިން އާއި ބްރޭންޑިންގް އަދި އުފައްދާ ބާވަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތަކާއި ގުޅޭ ތަމްރީން ދިނުމެވެ. އެގޮތުން މިފަހަރުގެ ތަމްރީނުތައް ޚާއްސަކޮށްފައި ވަނީ ގއ. ގެމަނަފުށީގެ އަންހެނުންނަށް ކަމަށް އެޖަމްއިއްޔާއިން މަޢުލޫމާތުދެއެވެ.

ކުދި ވިޔަފާރިތައް އާ އުސްމިންތަކަށް ގެންގޮސް، އެފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ކަމާބެހޭ ވުޒާރާތަކުންދަނީ ތަފާތު އެކި މަސަައްކަތްތައް ކުރަމުންނެވެ. އެގޮތުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން "އެސްއެމްއީ ހަބް"ގެ ނަމުގައި މޯލެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި ވިޔަފާރިކުރާ އަންހެނުންނަށް ޚާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ދަނީ ، ވިމެންއިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި ތަމްރީން ޕްރޮގްރާމްތައް އެކި ރަށްރަށުގައި ހިންގަމުންނެވެ.