ޚަބަރު

މިނިސްޓަރ ނަހުލާއަށް ތުހުމަތުކުރާ މައްސަލަ އޭސީސީން ބަލަނީ


މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ ބަލައިގަނެ އޭސީސީން ތަހުޤީޤްުކުރަން ފަށައިފިއެވެ.

މިނިސްޓަރ ނަހުލާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އަމިއްލަ ފަރާތަކުން މިދިޔަ މަހު 26 ގައި އޭސީސީއަށް ހުށަހެޅި އެ މައްސަލައަކީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދާއި ޚިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީގެން މާލީ ފައިދާ ހޯދަމުންދާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެވެ.

މިކަމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ވިދާޅުވީ އެ މައްސަލަ އެކޮމިޝަނަށް ބަލައިގަނެ މައްސަލާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ތަހުގީގުގެ ފުރަތަމަ މަރުހަލާކަމަށް އޭސީސީން ވިދާޅުވިއެވެ. އެގޮތުން އެ މައްސަލައިގެ ފުރަތަމަ މަރުހަލާގައި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ހޯދަމުންދާކަމަށް އޭސީސީން ވިދާޅުވިއެވެ.

އޭސީސީން މީގެ ކުރިން ވަނީ އެ މައްސަލައާއި ގުޅިގެން މިނިސްޓަރާ ސުވާލުކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށެވެ.

މިނިސްޓަރ ނަހުލާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލާގައި ގަވާއިދާ ޚިލާފަށް 57 އުޅަނދެއް ރަޖިސްޓްރީކޮށް މަންފާ ހޯދަމުން އަންނަ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެގޮތުން އުޅަނދުތައް ރަޖިސްޓްރީ ކުރާއިރު ކޮންމެހެން ހުށަހަޅަންޖެހޭ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ހުށަހަޅާފައިވާ ނުވާކަން މައްސަލާގައި ފާހަގަކޮށްފައިވެއެވެ. އަދި އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ސިޓީތައް މިނިސްޓްރީގައި އެންޓްރީ ހެދުމަކާއި ނުލައި އަދި ޖަވާބު ދިނުމަކާ ނުލައި ސިއްރިއްޔާތުގައި ދޫކޮށްފައިވާކަމަށާއި، އެކަންކަން ހިންގީ މިނިސްޓަރު ނަހުލާގެ ހުއްދަ ދީގެންކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އެ ތުހުމަތުގައިވާގޮތުން އެ އުޅަނދުތައް ރާއްޖެއަށް އެތެރެކޮށްފައި ވަނީ ރާއްޖޭގައި އުޅަނދު އެތެރެކޮށް ވިޔަފާރިކުރާ ކުންފުންނަކުން ރާވައިގެންނެވެ. މިނިސްޓަރ ނަހުލާގެ މައްޗަށް ތުހުމަތުކުރާ މި މައްސަލައަށް މިނިސްޓަރ އަދި ވާހަކަފުޅުދައްކަވާފައެއް ނުވެއެވެ.