ޚަބަރު

ޖަލުތަކަކީ ކުށްކުރަން ލިބޭ ފުރުސަތަކަށްވުން ހުއްޓުވަން ގުޅިގެން މަސައްކަތްކުރަން ޖެހޭ: އިމްރާން


ރާއްޖޭގައި ހިންގަމުންދާ ޖަލުތަކަކީ އެތައް ކުށްތަކެއް ކުރުމަށް ފުރުސަތުތައް ފަހިވެގެންދާތަނެއްކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ އެކަމާ ގުޅިގެން މުއައްސަސާތައް އެއް ތަނެއްގައި މަޝްވަރާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ޖަލުތަކުގައި ކުށްކުރުން އާންމުވުމާއި، ކުށްތަކުގައި ޖަލަށްލާ މީހުން އެތަނުން ނުކުންނަ އިރު އެއަށް ވުރެ ބޮޑެތި ކުށްތަކަށް އަރައިގަންނަ މައްސަލަ އަކީ ރާއްޖޭގެ މުޖުތަމައުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެހެންވެ މި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޖަލުތަކަކީ ރިހެބިލިޓޭޓް ކުރާ ތަންތަނުގެ ގޮތުގައި ބައްޓަން ކުރުމަށެވެ.

ޖަލުތަކުގެ މިހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ކުށްކުރާ މީހުން ގިނަވެ، ޖަލު ތެރެއިން މުޖުތަމައަށް ދިމާވަމުން އަންނަ މައްސަލަތަށް ވެސް އިތުރުވަމުން އަންނަ ކަމަށެވެ.

"މިސާލަކަށް 25 އަހަރަށް ޖަލަށްލާފައި ތިބޭ މީހުން، އެބައި މީހުން އަތުގައި ވަގުތު ވަރަށް ގިނަ. ކުރާނެ މާ ބޮޑު އިތުރު ކަމެއް ނޯވޭ. ޖަލަށް ލެވުނީ ކުށެއް ކޮށްގެން، ޖަލުގެ އެތެރޭގައި އެއަށް ވުރެ ގިނަ ކުށްކުރުމަށް ފުރުސަތު ފަހިވެގެންދޭ." މިނިސްޓަރ ވިދާޅުވިއެވެ.


ޖަލުންކުރާ ސްކޭމްކޯލްތަކުުގެ ވާހަކަ ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިހާރު ޖަލުން ގުޅާއިރު އެމީހަކު ކަނޑުމަތީގައި ހުރި ކަމަށް ބުނެ އެއަޑު އިވޭނެ ގޮތް ހޯދައި އެކަން ކުރަމުން އަންނަ ކަމަށާއި، މިއީ ވެސް ޖަލުތަކުގައި މީހުންގެ ވަގުތު ގިނަވެ އެމީހުން ކުށްތަކަށް އަރައިގަންނަ ފެންވަރު ރަނގަޅުވެފައިވާ ކަމުގެ މިސާލެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ހުންނަ މި ހުރިހާ މައްސަލަތަކަކީ ވެސް މިހާރު އައިޑެންޓިފައި ކުރެވިފައިވާ ކަމަށާއި، މިހާރު ދިމާވާ މައްސަލަ އަކީ މިކަންކަން ހައްލުކުރުމުގައި ހުރި ދަތިތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ކުށްކުރާ މީހުން ހުއްޓުވުމާއި، ކުށްކުރާ މީހުންގެ ފަރާތުން މުޖުތަމައުގެ އެހެން މީހުންނަށް ލިބޭ ގެއްލުންތައް ހުއްޓުވަން އެތައް މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަދިވެސް މިކަމުގައި ގިނަ ހުރަސްތަކަކާއި ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންކަމުން އަރައިގަނެވޭނީ މިކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ އިދާރާތަކާއި އާންމުން ވެސް އެކީ މަސައްކަތްކޮށްގެންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ފުރިހަމަ އެއްބާރުލުމަށް ގޮވާލައްވާފައެވެ.

"ޖަލުގަ ގައިދީން ހިންގާ މިފަދަ ކަންކަން ހުއްޓުވުމަށް ކަރެކްޝަން އެކަނި ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް މިކަމަށް ހައްލެއް ނުލިބޭނެ. އަޅުގަނޑުމެންނަށް އެބައެނގޭ ކަރެކްޝަންގައި ހުރި މައްސަލަތައް ދިމާވާ ގޮންޖެހުންތައް. އަދި އެބޭފުޅުންނަށް ހައްލުކުރަން ދަތިވާ ގިނަކަންކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މުއައްސަސާތަކަށް އެބަ އެނގޭ. އެކަން ހައްލުކުރެވޭނީ ހަމަ ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓިއާއި، މުއާސަލާތީ ޚިދުމަތްތައް ދޭ ކުންފުނިތަކާ އަދި ޖަމިއްޔާތަކާ ވެސް ގުޅިގެން." މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރުން އެންމެ މުހިންމު އެއް ކަމަކީ އެއް މުއައްސަސާއަކުން ހުށަހަޅާ މައްސަލަ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެން ތިބި މުއައްސަސާތަކުން ބަލައި އެކަންކަން ހައްލުކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން ކަމަށެވެ. އަދި މިއަދުން ފެށގެން ރަނގަޅު މަގުގައި މި މަސައްކަތްތައް ކޮށް ނިންމާލެވޭނެ މަގެއް ފެންނާނެ ކަމަށް އުންމީދުކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އެއީ ރިހެބިލިޓޭޓްކުރެވޭ ތަންތަނުގެ ގޮތުގައި ހިންގައި ގައިދީންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު ވެސް ކަރެކްޝަނުން އަންނަނީ ގައިދީންނަށް އެކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަ ޓްރެއިނިންތަކާއި ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި މިގޮތަށް ހިންގާ ޕްރޮގްރާމްތަކަކީ ސެޓިފައިޑް ޕްރޮގްރާމްތަކެވެ.