ޚަބަރު

ރާއްޖޭގައި ކޮންމެ 5 މީހަކުން 1 ޑިޕްރެޝަންގެ އުނދަގޫ ތަޙައްމަލުކުރޭ


ރާއްޖޭގައި ގާތްގަނޑަކަށް ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އުނދަގޫ އިޙްސާސްކުރަންޖެހިފައިވާ މީހެއްކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ޑަބްލިއުއެޗްއޯއާއި ގުޅިގެން ކުރިއަށްގެންދިޔަ ސްޓެޕް ސަރވޭއިންނެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ހުރި މިންވަރު ދެނެގަތުމަށް ޑަބްލިއުއެޗްއޯއާއި ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ "ސްޓެޕްސް ސާރވޭ އޮން ރިސްކް ފެކްޓާރސް ފޯ ނޮންކޮމިއުނިކަބަލް ޑިޒީސަސް"އިން ދައްކާގޮތުގައި ރާއްޖޭގައި ގާތްގަނޑަކަށް ކޮންމެ 5 މީހަކުން 1 އަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްކުރެވިފައިވާ މީހެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮންމެ 8 މީހަކުން އެކަކީ ނަފްސާނީ ބައްޔެއް ތަޙައްމަލުކުރާ މީހެއްކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ. ކޯވިޑްގެ ފަހުން މުޅި ދުނިޔޭގެ އިތުރުން ރާއްޖޭގައި ނަފްސާނީ ބަލި އިތުރުވެފައިވާކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ނަފްސާނީ ބައްޔާއި މެދު ގިނަ ބަޔަކަށް އެންމެ ރަނގަޅު މަޢުލޫމާތު ނޭނގޭކަމަށެވެ. ނަފްސާނީ ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ޤައުމީ ކެމްޕެއިން މިހާރުވަނީ ފަށާފައެވެ. މިނިސްޓްރީން މިބައްޔާއި ދެކޮޅަށް ކުރާ މަސައްކަތް އިތުރުކުރަމުން ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ ނަފްސާނީ ބައްޔަކީ ބަލިން ފަސޭހަވުމަށް ދިގުމުއްދަތެއް ހޭދަކުރަންޖޭ އަދި ބަލިން ފަސޭހަވުމަށް ބޮޑު ހޭދައެއްވެސް ކުރަންޖެހޭކަމަކަށްވާތީއެވެ. ހަމައެއާއެކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދަ މީހުންގެ ނިސްބަތް އިތުރުވުމުގެ ސަބަބުން މުޅި ޤައުމުގެ އުފެއްދުންތެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާކަމެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ނަފްސާނީ ބަލިތައް ތަޙައްމަލް ކުރާ މީހުންނާއި ބަލިމަޑުކަމުގެ ސަބަބުން ނުކުޅެދުންތެރިކަމަށް ހުށަހެޅޭ ފަރާތްތަކާއި އަދި މިފަދަ ބަލިތަކުގައި ދުނިޔެ ދޫކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ނަފްސާނީ ސިއްޙަތުގެ ދުޅަހެޔޮކަމަކީ މުޅި މުޖުތަމަޢުގެ ހަމަޖެހުމާއި ގުޅިފައިވާ މުހިއްމު ކަމެއްކަމުގައިވާތީ ސަރުކާރުން އަންނަނީ މިބަލިން މުޖުތަމަޢު ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ. މިވީ 4 އަހަރުގެ ތެރޭގައި ނަފްސާނީ ބަލިން އަރައިގަތުމަށް ކުރެވުނު މަސައްކަތުން ފުރަތަމަ ފަހަރަށް އައިޖީއެމްއެޗްގައި ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު ޤާއިމުކޮށް، އެޑްމިޓްކޮށްގެންވެސް ބަލި މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

މީގެއިތުރުން ހުޅުމާލޭ ހޮސްޕިޓަލްގައިވެސް ނަފްސާނީ ބައްޔަށް ފަރުވާދެވޭނެ ވަކި މަރުކަޒެއް ޤާއިމުކޮށް ފަރުވާދެމުން ދާއިރު ލ.ގަމު ހޮސްޕިޓަލުންވެސް އަންނަނީ މުޅި އަތޮޅަށް އަމާޒުކޮށް ފަރުވާގެ ޚިދުމަތް ދެމުންނެވެ. އަދި އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ހުރިހާ ސިއްޙީ ފަރުވާ ދޭ ތަންތަނުން މިބައްޔަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ދެވޭނެ މަގުފަހިކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.