ޚަބަރު

ކިހިނެތް؟ ކެމްޕެއިނާއެކު ނަފްސާނީ ބައްޔަށް ހޭލުންތެރިކުރުވުން ޤައުމީ ފެންވަރުގައި


ސަރުކާރުގެ ޤައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙުކޮށްދެއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ކިހިނެތް؟" މިނަމުގައި ފެށި ކެމްޕޭން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވެ.

ނަފްސާނީ ސިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ ބޭނުމަކީ ފަރުދުންނާއި މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، ނަފްސާނީ ބަލިތައް ތަޙައްމަލް ކުރާ ފަރާތްތަކާމެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް ތަފާތުކުރުން ނައްތާލުމަށް މަސައްކަތްކުރުމެވެ. މިކެމްޕެއިން ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމާފައިވަނީ ޑަބްލިއުއެޗްއޯއާއި ގުޅިގެން ކުރިއަށްގެންދިޔަ އެސެސްމަންޓުގައި ފާހަގަވި މުހިއްމު ކަންކަމުގެ މައްޗަށް ބިނާކޮށްކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ކޯވިޑްގެ ފަހުން މުޅި ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް ނަފްސާނީ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަން ހާމަވެފައިވާކަމަށެވެ. އަދި ރާއްޖޭގައި އިތުރުވެފައިވާ ގައިންގަޔަށް ނާރާ ބަލިތައް ތަޙައްމަލް ކުރަމުންދާ މީހުންގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެފަދަ ބަލިތައް ތަޙައްމަލުކުރާ މީހުންނާއި އެމީހުންގެ ޢާއިލާތަކުން ކޮންމެވެސް ބާވަތެއްގެ ނަފްސާނީ ބައްޔެއް ތަޖުރިބާކުރާކަމަށެވެ.

"ތަޢުލީމީ މަރުކަޒުތަކާއި މަސައްކަތުގެ މާޙައުލުގައާއި، ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ހަނގާކުރުމާއި،އެކަކު އަނެކެއްގެ އަބުރު ކަތިލުމަކީ ޢާއްމުކަމަކަށް މިވަނީ ވެފައި. މީގެ ސަބަބުން ނަފްސާނީ ބަލި ތަޙައްމަލްކުރަމުންދާ މީހުންނާއި މެދު މުޖުތަމަޢު ދެކޭ ގޮތާއި ކަންކުރެވޭގޮތުން އެފަދަ މީހުންގެ ޙާލަތު އިތުރަށް ގޯސްވޭ. މިއީ ވަރަށް ބޮޑު މައްސަލައެއް. މިކަން ހުއްޓާލަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

މި ކެމްޕޭނުން ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ފަރުދުންގެ ޤާބިލްކަން އިތުރުކޮށް ކުރިމަތިވާ އުނދަގޫ އިޙްސާސްތައް ދެނެގަނެ އެކަންކަމުން އަރައިގަތުމުގެ ޤާބިލްކަން އުފެއްދުމާއި، އަމިއްލަ ނަފްސަށް އަޅާލުމަށް ކުރަންޖެހޭ ކަންކަން އެނގި އެފަދަކަންކަން ކުރެވޭނެ ޤާބިލްކަން ފަރުދުންގެ މެދުގައި އުފެއްދުން ހިމެނެއެވެ. ނަފްސާނީ ކަންކަމަށް ހޭލުންތެރި، ބާރުވެރި އަދި އަޅާލާ މުޖުތަމަޢުއެއް ބިނާކުރުމާއެކު، ވިސްނުމުގެ ތަފާތު ހުރިނަމަވެސް އެކަކު އަނެކަކު ބަލައިގަނެ، އަޅާލާ ޒިންމާދާރު މުޖްތަމަޢެއް ބިނާކުރުމަށްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިބައްޔާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް މުވައްސަސާތަކުގެ މެދުގައި މުޢާމަލާތުކުރުމުގެ، ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއްވެސްވަނީ އެކުލަވާލާފައެވެ.

މިކެމްޕޭނަކީ ރާއްޖޭގެ ހުރިހާ ހިސަބެއްގައިވެސް ކުރިއަށް އޮތް 1 އަހަރުގެ މުއްދަތަކަށް ހިންގުމަށް ރާވާފައިވާ ކެމްޕޭނެކެވެ.