ޚަބަރު

ޗައިނާގެ ކުރީގެ ރައީސްގެ ތަޢުޒިޔާގެ ފޮތުގައި ރައީސް ސޮއިކުރައްވައިފި


ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޒަޢާމަތުގައި އެޤައުމަށް ލިބިގެންދިޔަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ޒަޢާމަތުގައި، ޗައިނާއިން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފްކުރެއްވިއެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވީ، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 96 އަހަރެވެ.

ޒިމިން އަވަހާރަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައިވެއެވެ. މި މެސެޖުގައި، ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވުމާއި ގުޅިގެން މުޅި ޗައިނާ ހިތާމަ ފާޅުކުރަމުންދާ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.