ޚަބަރު

ސަލްމާން މިސްކިތުގެ އޭސީތައް މިމަހުގެ 25 ގެ ކުރިން ރަނގަޅުކުރާނީ


ސަލްމާން މިސްކިތުގެ އޭސީތައް ރަނގަޅުކުރުމުގެ މަސައްކަތް މިމަހުގެ 25 ގެ ކުރިން ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. މިސްކިތުގެ އޭސީތައް ހަލާކުވެ އެކަމުގެ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

މިކަމާގުޅިގެން ސަލްމާން މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިނިސްޓްރީއިން މިދިޔަ މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ، ޙައްލުކުރުމަށްޓަކައި ތުރުކީވިލާތުގެ ޓެކްނީޝަން ޓީމެއް ރާއްޖެއައިސް ވަނީ ބަލާފައެވެ.

މިނިސްޓްރީއިން ވިދާޅުވީ މިސްކިތުގެ އޭސީތައް މާރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްގެން ކުރިއަށްދާކަމަށެވެ. މަސައްކަތްތައް ލަސްވަނީ ރާއްޖެއިން ބޭރުން ބައެއް ސާމާނު ގެންނާތީކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި މިމަހު 15 ގެ ކުރިން ލިބޭނެކަމަށާއި، މުޅި މަސައްކަތް މިމަހު 25 ގެ ކުރިން ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރ މައުލޫމާތުދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވާ، މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ މިއަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުއެވެ.

ކިންގް ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ އެހީގައި އަޅާފައިވާ މިސްކިތެކެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ހިމެނޭހެން 4000 މީހުންނަށް ނަމާދުކުރެވެއެވެ.

މި މިސްކިތް ބިނާކޮށްފައިވަނީ އިސްލާމީ މަރުކަޒެއްގެ ކޮންސެޕްޓަށެވެ. އެގޮތުން ތިންވަނަ ފަންގިފިލާގައި 40 މީހުންގެ ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުރެއެވެ. އަދި ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްވެސް ހުރެއެވެ.