ޚަބަރު

ރިނބުދޫއިން ފެނުނީ އާދަޔާ ޚިލާފު ބޮޑު ބޮލިވަޅެއް


ދ.ރިނބުދޫގައި ފެނުގެ ނިޒާމު އެޅުމަށް މަގު ކޮންނަމުންދަނިކޮށް، ބޮލި ވަޅެއް އެރަށުން ފެނިއްޖެއެވެ. ރިނބުދުއިން ފެނުނު ބޮލި ވަޅަކީ ވަރަށް ބޮޑު ބޮލި ވަޅެކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

ބޮއްޔަކީ އިހު ޒަމާނުގައި ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކުރި އެއްޗެކެވެ. ރިނބުދިއުން ފެނިފައިވަނީވެސް އިހުގައި ފައިސާގެ ގޮތުގައި ބޭނުންކުރިފަދަ (ކައުރީ ޝެލް) ބޮލިވަޅެކެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އަޙުމަދު އިޤުބާލު ވިދާޅުވީ ބޮލިވަޅު ފެނިފައިވަނީ، ރަށުގައި ފެނުގެ ނިޒާމަށް ބޭނުންވާ ހޮޅި ވަޅުލުމަށް ކޮންނަމުން ދަނިކޮށްކަމަށެވެ. އެއީ ރަށުގެ އިރުމަތީ ފަރާތުންނެވެ. އެ ސަރަޙައްދަކީ މީގެކުރިން މީހުން ދިރިއުޅެފައިވާ ސަރަޙައްދެއްކަން ބުނަން ނޭނގޭކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ އެރަށުން މިފަދަ ބޮލިވަޅެއް ފެނުނު ފުރަތަމަ ފަހަރުކަމަށެވެ. ނަމަވެސް އެއީ އާދަޔާ ޚިލާފަށް ބޮޑު ބޮލިވަޅެއްކަމަށް އިޤުބާލު ވިދާޅުވިއެވެ. މި ވަޅުން މުޅިންވެސް ފެނިފައިވަނީ ކައުރީ ޝެލްއެވެ.

އިޤްބާލް ވިދާޅުވީ ބޮލިވަޅު ފެނުނުކަން، ސަޤާފާީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް އަންގާފައިވާކަމަށެވެ. އަދި މިއާމެދު ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު މަރުކަޒުން ކައުންސިލަށް ދެމުންދާކަމަށެވެ.

ރާއްޖޭގައި ސަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނެއް ވުޖޫދުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. މި ޤާނޫނުގައިވަނީ، ރާއްޖޭގެ އެއްވެސް ބިމެއްގެ އަޑީގައި ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ ތަނެއް ނުވަތަ އެފަދަ ތަނެއްގެ ބައެއް ނުވަތަ އެއްޗެއް ވަޅުލެވިފައިވަނިކޮށް ފެނިއްޖެނަމަ، އެކަން ބެލުމުގެ މަގު، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ފަހިކޮށްދެންވާނެކަމަށެވެ. އަދި އެއާއިމެދު ޢަމަލުކުރަންވާނީ އެ ޤާނޫނުގެ އުސޫލުތަކުގައި ކަނޑައަޅާ ގޮތެއްގެމަތިން، މަރުކަޒުން އަންގާ އެންގުމަށްކަމަށެވެ.

ތަރިކަ ރައްކާތެރުކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ ފެނުނު ބޮލިތަ ރައްކާތެރިކަމާއެކު މަގާ ބެލެހެއްޓުމަށް ރަށު ކައުންސިލަށް އަންގާފައިވާކަމަށެވެ. އަދި ބޮލިވަޅު ނަގާ، ވަޅުގައި ބޮލި ހުރި އަދަދާއި ހާލަތު ހުރިގޮތް މަރުކަޒަށް އެންގުމަށް ކައުންސިލަށް އަންގާފައިވާކަމަށް ތަރިކަ ރައްކާތެރުކުރާ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.

އަދި ބޮލިވަޅު ފެނުނު ސަރަޙައްދު އެނގޭނެހެން ފާހަގަކުރުމަށްވެސް ވަނީ އަންގާފައެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް އިޤްބާލް ވިދާޅުވީ މަރުކަޒުން އަންގާފައިވާގޮތަށް މުޅި ބޮލި ވަޅު ނެގުމުގެ މަސައްކަތް ކައުންސިލުން ކުރިއަށްދާކަމަށެވެ. އަދި ފެނުނު ބޮލީގެ މިންވަރު ބެލުމަށް ބޮލި ގުނުމުގެ މަސައްކަތްވެސް ކައުންސިލްގެ މުވައްޒަފުން ކުރަމުންދާކަމަށެވެ.

އަދި ފެނުނު ބޮލިތައް ކައުންސިލްގެ ބެލުމުގެ ދަށުން ބެލެހެއްޓުމަށް އަންގާފައިވާތީ، އެ ބޮލިތައް ރަށުގައި ހަދާ މިއުޒިއަމްގައި، އާސާރީ ތަކެތީގެ ގޮތުގައި ފެންނާނެހެން ބަހައްޓާނެކަމަށް އިޤްބާލް ވިދާޅުވިއެވެ.

މީގެކުރިންވެސް ބައެއް ރަށްރަށުގައި އެކި ކަހަލަ މަސައްކަތްތަކަށް ވަޅު ކޮނުމުގެ ތެރޭގައި، އިހުގެ ބޮލި ވަޅުތައް ފެނިފައިވެއެވެ.