ޚަބަރު

ޢިމާރާތް ބަދަލުވިޔަސް، އަޑުގެ އާރކައިވް ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެ


ދިވެހިރާއްޖޭގެ އަޑު ހިންގަމުން އަންނަ ޢިމާރާތަށް ބަދަލުތަކެއް ގެންނަމުންދާތީ، އެ ޢިމާރާތުގައި ހުރި ރާއްޖޭގެ އެންމެ ދުވަސްވީ އާރކައިވް ރައްކާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ރެކޯޑް ލައިބްރަރީ ނުވަތަ އާކައިވް ލައިބްރަރީއަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ޤަދީމީ އާކައިވް ލައިބްރަރީއެވެ. ދިވެހިރާއްޖޭގެ ތާރީޚުން ވޭތުވި ފަސްދޮޅަސް އަހަރުގެ އަޑުތައް މި ލައިބްރަރީގައި ވަނީ ރައްކާކުރެވިފައެވެ.

ޕީއެސްއެމް އިން ވަނީ މިތަކެތި ޑިޖިޓައިޒް ކުރުމުގެ މަސައްކަތް މީގެ ކުރިން ފަށާފައެވެ. އޭގެ ބޭނުމަކީ ދިވެހިންގެ ފަންނުވެރިކަމާއި އުފެދުންތެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމެވެ. އެގޮތުން އެ އާރކައިވްގެ 80 އިންސައްތަ ވަނީ ޑިޖިޓައިޒް ކުރެވި ރައްކާކޮށްފައެވެ.

ދިވެހިރާއްޖޭގެ އަޑު ހިންގަމުން އަންނަ ޢިމާރާތަށް ގެންނަ ބަދަލާއި ގުޅިގެން، ދިވެހިރާއްޖޭގެ އަޑުގެ އަރކައިވް، ރޭޑިޔޯ ބިލްޑިންގގެ ބީ ބްލޮކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ތެރޭގައި ކުރީގެ ހޮޅިގަނޑުތަކާއި ޓޭޕުތަކާއި ރޯލުތަކާއި ސީޑީތައް އެހެން ތަނަކަށް ބަދަލުކުރުންވެސް ހިމެނެއެވެ. ޢިމާރާތް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ލައިބްރަރީގައި އާކައިވް ކޮށްފައިވާ ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުވާނޭ ގޮތަކަށް އަދި ޒަމާންތަކަކަށް އޭގެ ބޭނުން ކުރެވޭ ގޮތަށް ބަދަލު ގެނައެވެ.

އެގޮތުން މިހާރު ޑިޖިޓަލް ނުކުރެވި ހުރި 20 އިންސައްތަ ތަކެތި ޑިޖިޓައިޒް ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ޑިޖިޓައިޒް ކުރެވިފައިވާ 80 އިންސައްތަ ޓޭޕުތަކާއި ހޮޅިތަކާއި ކެސެޓު ރޯލުތަކާއި ސީޑީތައް ތިލަފުށީގައި މިކަމަށް ޚާއްސަކުރެވިފައިވާ ތަނެއްގައި ޑީޕް އާކައިވްގެ ގޮތުގައި ރައްކާތެރިކޮށް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.

ދުވަސްވީ އެތަކެތި ޑިޖިޓައިޒް ކުރެވުނުނަމަވެސް އެތަކެތި ނައްތާނުލައި، ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދާނެކަމަށް ޕީއެސްއެމް އިން ވަނީ ބުނެފައެވެ.