ވިޔަފާރި

3 ލޯނެއް ފިޔަވައި އެހެން ލޯނުތައް ދޫކުރުން ވަގުތީގޮތުން އެސްއެމްއީ ބެންކުން މެދުކަނޑާލައިފި


އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ދޫކުރާ ބައެއް ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ނަމަވެސް 3 ލޯނަކަށް އެދުމުގެ ފުރުސަތު މި މުއްދަތުގައިވެސް ކުރިއަށްދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޑީއެފްސީއަކީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

އެސްޑީއެފްސީން ބުނީ 1 ޑިސެމްބަރުން ފެށިގެން އެ ކުންފުނިން ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. ނަމަވެސް ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅު ނަފާ ލޯނާއި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށް އެސްޑީއެފްސީން ބުނެއެވެ.

ލޯނުތަކަށް އެދި ހުށައެޅުމުގެ ފުރުސަތު އެސްޑީއެފްސީން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ އަހަރު ނިމުމާއި ގުޅިގެން ނިންމަންޖެހޭ ކަންތައްތައް އޮތުމާއި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށެވެ.

ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާނީ 31 ޖަނަވަރީ 2023 ގައިކަމަށް އެސްޑީއެފްސީން ބުނެއެވެ. އެސްޑީއެފްސީން 7 ދާއިރާއަކުން އަންނަނީ ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.

އެސްޑީއެފްސީއަކީ މިސަރުކާރުގެ އެއް ވަޢުދުކަމުގައިވާ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.