ޚަބަރު

އައިއެމްޓީއެމްގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާބެހޭ ފޯރަމް ބާއްވައިފި


އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާރކެޓް، އައިއެމްޓީއެމްގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާބެހޭ ފޯރަމް ނުވަތަ "ސަސްޓެއިނަބަލް ޓޫރިޒަމް ފޯރަމް" ބާއްވައިފިއެވެ.

މިފޯރަމް ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ވެރާ ހަކީމްއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ.ނައުޝާދު މުހައްމަދު ވަނީ މިފޯރަމްގެ ކީނޯޓް ސްޕީކާރގެ ގޮތުގައި ބައިވެރިވެފައެވެ. މީގެއިތުރުން، މިފޯރަމްގައި ކަމާބެހޭ ބައިނަލްއަޤްވާމީ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ގެސްޓް ހައުސްތަކާއި، ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންވެސް މިފޯރަމްގައި ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ދެމެހެއްޓެނިވި ފަތުރުރުވެރިކަމުގެ ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން އައި.އެމް.ޓީ.އެމްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޝިއުނާ ޚާލިދު ވަނީ އައިއެމްޓީއެމްއިން މިމަސައްކަތް ފެއްޓެވި ތަޞައްވުރާއި ޝައުޤުވެރިކަން ޙިއްޞާކުރައްވާފައެވެ. ރާއްޖޭގެ އިޤްތިޞާދުގައި ފަތުރުވެރިކަމުގެ ހިއްސާ އޮންނަ މިންވަރު ފާހަގަކުރައްވާ ޝިއުނާ ވިދާޅުވީ މިޞިނާޢަތް ޙިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ މުހިންމުކަމެއް ކަމަށެވެ.

މިފޯރަމްގެ ކީނޯޓް ސްޕީޗް ދެއްވާ، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.ނައުޝާދު މުހައްމަދު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ރާއްޖޭގައި އެންމެ ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތްކަން ފާހަގަކުރައްވާ ޑޜ.ނައުޝާދު ވިދާޅުވީ، ދިވެހި މުޖުތަމަޢުތަކަށް ފައިދާކޮށް، ޤުދުރަތީ ވަސީލަތްތަކާއި، ޘަޤާފީ އަޚްލާޤުތައް ޙިމާޔަތްކުރަން ކަމާބެހޭ ވުޒާރާތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

މިފޯރަމްގައި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ވެރާ ހަކީމްވެސް ވަނީ ވާހަކަދައްކަވާފައެވެ. އެކަމާނާގެ ވާހަކަފުޅުގައި ފަތުރުވެރިކަމާއި، މުޖުތަމަޢުއާއި، ފަތުރުވެރިކަމާއި، މުޖުތަމަޢުގެ ގުޅުމާއި ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ. އަދި ފަތުރުވެރިކަން ކުރިއަރުވާ، އެކަން ރަނގަޅަށް މެނޭޖްކުރެވިއްޖެނަމަ، ވަޒީފާ ހޯދައިދީ، ފަޤީރުކަން ކުޑަކުރެވިދާނެކަމަށް ވެރާ ހަކީމް ފާހަގަކުރެއްވިއެވެ.

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް ނުވަތަ އައިއެމްޓީއެމްގެ މިއަހަރުގެ ޝިއާރަކީ "އައު ޚިޔާލުތަކާއި ބަދަލުތަކާއެކު ވިލުންވެރި ފަތުރުވެރިކަމަކަށް" މިޝިޢާރެވެ. މީގެ ކުރިންވެސް އައިއެމްޓީއެމް އިން ވަނީ ކާމިޔާބުކަމާއެކު ފަތުރުވެރިކަމާ ގުޅޭ އެތައް ފޯރަމެއް ކުރިއަށްގެންގޮސްފައެވެ.