ޚަބަރު

ޕެލޭއަށް އޮތް ލޯބިން މުޅި ސޯޝަލް މީޑިއާ ގުގުމާލައިފި


ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ބަހުސަކީ ދުވަހަކުވެސް ނިމޭނެ ބަހުސެއް ނޫނެވެ. ޕެލޭ ނުވަތަ މެރަޑޯނާތޯއެވެ. ނޫނީ މެސީ ނުވަތަ ރޮނާލްޑޯތޯ ކުރާ ބަހުސް ދާނީ ހަމަ ކުރިއަށެވެ. ނަމަވެސް ވޯލްޑްކަޕްގެ ތާރީޙުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާއަކީ ކާކުތޯ އަހައިފިނަމަ ބްރެޒިލްގެ ޕެލޭއޭ ބުނުމުން ދޮގަކަށް ހަމަޤައިމުވެސް ނުވާނެއެވެ.

ވޯލްޑުކަޕްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބްރެޒިލްގެ ޕެލޭގެ އުމުރުން މިހާރު 82 އަހަރެވެ. ޕެލޭ ދަނީ މިދިޔަ އަހަރުން ފެށިގެން ޞިއްޚީ އެކި މައްސަލަތަކަށް ފަރުވާ ހޯދަމުންނެވެ. ޕެލޭގެ ހާލަތު ގޯސްވެ މިފަހަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ މިދިޔަ އަހަރު އޭނާގެ ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގި ފަހުންނެވެ. އޭގެ ފަހުން އެނާ ގެންދަނީ ކެންސަރު ބައްޔަށާއި، ހިތުގެ ބައްޔަކަށްވެސް ފަރުވާ ހޯދަމުންނެވެ. ހާލަތު ގޯސްވެ އޭނާއަށް ފަރުވާ ދެމުންދަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ޕެލޭގެ ހާލަތާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ފެތެރެމުންދާ މިދަނޑިވަޅުގައި އޭނާއަށް ފަރުވާދޭ ބްރެޒިލްގެ ސައޮ ޕޯލޯގެ އަލްބަޓް އެއިންސްޓެއިން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ދެމުންދާ ފަރުވާއިން ކުރިއެރުންތަކެއް ފެންނަ ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސް ނުވާކަމަށެވެ.

ވޯލްޑްކަޕްގެ ފޯރިއާއިއެކުގައިވެސް ގިނަ ބައެއްގެ ސަމާލުކަން ޕެލޭގެ ބަލިހާލަތާއިމެދު އޮތްއިރު، މިޚަބަރުތައް ހޯދުމަށް އެކި ގޮތްގޮތުން ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އާންމުންނަށް ބަލިހާލަތު އޮޅުންފިލުވުމަށްޓަކައި ޕެލޭގެ ސޯޝަލް މީޑިއާ އެކައުންޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންމެންސް ޕޮޒިޓިވް ވިސްނުމެއްގައި ހަމަޖެހިލައިގެން ތިބެން އެދޭކަމަށެވެ. އަދި އޭނާ ހުރީ އެންމެންގެ ދުޢާއާއިއެކު ވަރުގަދަކޮށް ކަމަށެވެ. އަދި އޭނާ ހޮޕިޓަލުގައި ހޯދަމުންދާ ފަރުވާއަކީ މީގެ ކުރިންވެސް ގަވާއިދުން ނަގަމުންދިޔަ ޓްރީޓްމަންޓެއްކަމަށް ވަނީ ބުނެފައެވެ.

ބަލި އެދުގައި އޮތްނަމަވެސް ޕެލޭގެ ހިތް އޮތީ ބްރެޒިލްއާއި، ފުޓުބޯޅައަށެވެ. އޭނާ ހުރީ މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕްގައި ބްރެޒިލް ކުޅޭތަން ދެކިލަން ދާން ކެތްމަދުވެފައެވެ. އެއީ އޭނާ ބަލި އެދުގައިވެސް ކުރާ އެންމެ ބޮޑު އެއް އުންމީދެވެ. ޕެލޭގެ ހާލަތާއިމެދު މުޅި ސޯޝަލް މީޑިއާގައި އެނާއަށް އޮތް ސަޕޯޓާއި، ލޯބި ފުޓުބޯޅަ ކުޅުންތެރިންނާއި ފުޓުބޯޅައަސް ލޯބިކުރާ ފަރާތްތަކުން ދަނީ ހާމަ ކުރަމުންނެވެ.

ޕެލޭއަށް އަވަސް ޝިފާއަކަށް އެދި އޭނާއަށް ހެޔޮ އެދޭކަން ހާމަކޮށް، ފްރާނަސްގެ ތަރި ކީލިއަން އެމްބާޕޭއާއި، އިންގްލޭންޑްގެ ހެކީ ކޭންއާއި، ބްރެޒިލްގެ މިހާރާއި ކުރީގެ ގިނަ ކުޅުންތެރިން ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ. ވޯލްޑް ކަޕްގެ ތާރީހުގައިވެސް ތިން ވޯލްޑްކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ ޕެލޭއަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި އެތައް ރެކޯޑެއް ހަދާފައިވާ ފުޓުބޯޅައިގެ ރަސްގެފާނު ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ޕެލޭއަކީ ވޯލްޑް ކަޕް އެންމެ ގިނައިން ކާމިޔާބު ކުރި ކުޅުންތެރިޔާއެވެ. ޕެލޭއަކީ ބްރެޒިލުން 1958، 1962 އަދި 1970 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ. 3 ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ޚިއްސާވި އިތުރު އެއްވެސް ކުޅުންތެރިޔަކު ތާރީޚުން ފެންނާކަށް ނެތެވެ. މިއީ އިތުރު އެއްވެސް ކުޅުންތެރިޔަކަށް ލިބިފައިވާ ޝަރަފެއް ނޫނެވެ. ޕެލޭއާއެކު ބްރެޒިލުން 3 ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، 3 މުބާރާތުގައިވެސް ޕެލޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

އެޑްސަން އެރަންޓޭސް ޑޯ ނަސިމެންޓޯ ނުވަތަ މަޝްހޫރު ނަމުންނަމަ ޕެލޭ ފުޓްބޯޅަ ދަނޑުން ފުރަތަމަ ފެނިގެންދިޔައީ 1956 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 16 އަހަރުގައެވެ. 15 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ފާހަގަވެފައިވަނީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. 1999 ވަނަ އަހަރު އިންޓަނޭޝަލް އޮލިމްޕިކް ކޮމިޓީން ވަނީ ޤަރުނުގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިޔާގެ ލަޤަބު އޭނާއަށް ދީފައެވެ. މީގެ އިތުރުންވެސް އެތައް އެވޯޑްތަކަކާއި ޝަރަފުތަކެއް ޕެލޭއަށް ލިބިފައިވެއެވެ. އެހެންކަމުން ޕެލޭއަކީ ވޯލްޑް ކަޕްގެ ތާރީޙުގައިވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.