ޚަބަރު

މަޑަވެލީ ޓީއެސްގެ މަސް ރެކޯޑު ފަރެސްމާތޮޑާގެ ބާޚިރާއިން މުގުރާލައި، 9 ލައްކަ ރުފިޔާ ހޯދައިފި


އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑު ގދ.ފަރެސްމާތޮޑާ "ބާޚިރާ" މަސްދޯނިން ޤާއިމުކޮށްފިއެވެ.

މިފްކޯއިން ބުނީ އެދޯނިން މިރެކޯޑު ޤާއިމުކޮށްފައިވަނީ އެއްދުވަސްތެރޭގައި ކޫއްޑޫއަށް 58.6 ޓަނުގެ މަސް ކިރުވައިގެންކަމަށެވެ.

އެންމެ ގިނަ ޢަދަދެއްގެ މަސް އެއްދުވަހެއްގެ ތެރޭގައި މިފްކޯއަށް ކިރުވުމުގެ ރިކޯޑު މީގެ ދެމަސްކުރިން ހޯދާފައިވަނީ މަޑަވެލީގެ ޓީއެސް ދޯނިންނެވެ. އެއީ 57.152 ޓަނުގެ މަހެވެ. އޭގެ ދެމަސްފަހުން މިރެކޯޑު މުގުރާލާފައި މިވަނީ ގދ.ފަރެސްމާތޮޑާ "ބާޚިރާ" އިންނެވެ. މިފްކޯއިން ބުނީ އެދޯނިން އަލަށް ޤާއިމުކުރި މި ރެކޯޑާއެކު ޢާމްދަނީގެ ގޮތުގައި 996000 (ނުވަލައްކަ ނުވަދިހަ ހަހާސް) އަށްވުރެ ގިނަ ރުފިޔާ އެދޯނިން ހޯދާފައިވާކަމަށެވެ.

ގދ.ފަރެސްމާތޮޑާ "ބާޚިރާ" ދޯންޏަކީ އެންމެ ޒަމާނީ ވަޞީލަތްތަކާއެކު އަދި ރާއްޖޭގައި މިވަގުތު މަސްވެރިން ކުރުމުގައި ބޭނުންކުރަމުން އަންނަ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އުޅަނދުތަކުގެ ތެރެއިން ދޯންޏެކެވެ. މި އުޅަނދުގައި 37 ފަޅުވެރިން ހަރަކާތްތެރިވެއެވެ.

ރާއްޖޭގެ އެންމެ ވާދަވެރި އަދި އިޤްތިޞާދުގައިވެސް މުހިއްމު ދައުރެއް އަދާކުރާ އެއްދާއިރާއަކީ މަސްވެރިކަމުގެ ދާއިރާއެވެ. މަސްވެރިކަން ކުރުމުގެ ވަޞީލަތްތައް ޒަމާނާއެކު ތަރައްޤީވެ މަސްބާނާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ރާއްޖޭގައި މަސްކިރުވުމުގައި މިވަގުތު އޮތް ގޮންޖެހުމެވެ. މިމައްސަލައަށް ޙައްލެއް ގެނައުމަށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން މަސްކިރުވާ ބޯޓުތައް ގެނެސް މަސްވެރިކަން ތިޔާގި ސަރަޙައްދުތަކަށް ފޮނުވުމުގެ މަސައްކަތްވެސް މިފްކޯއިން ކުރެއެވެ.