ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމްގެ 12 ވަނަ ބުރު ފަށަައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވިގޮތުގައި މި ތަމްރީން ޕްރޮގްރާމް ފެށީ ރ. އުނގޫފާރުގައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫންއެވެ.
މިއަދު ފެށުނު ތަމްރީން ޕްރޮގްރާމްގައި ރ، ބ، ކ، އއ، އދ އަދި ގދ ޖުޑީޝަލް ދާއިރާތަކުން މެޖިސްޓްރޭޓުން، ލީގަލް އޮފިސަރުން، ޗީފް އެޑްމިނިސްޓްރޭޓަރުން އަދި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 60 ބޭފުޅުން ބައިވެރިވެފައިވާ ކަމަށް ޑީ.ޖޭ.އޭއިން ވިދާޅުވެއެވެ.
ޑީ.ޖޭ.އޭއިން ވިދާޅުވީ، މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްމަތީން އަދި ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދުގެ އިތުރުން ސިވިލް ކޯޓުގެ ލީގަލް އޮފިސަރ އަލްއުސްތާޛާ އާމިނަތު ހައިފާ މަޖީދުކަމަށެވެ.
މި ޕްރޮގްރާމުގައި މަދަނީ އިޖުރާއަތުގެ މަޤްޞަދުތަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނުން އަލަށް ތަޢާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެވޭނެއެވެ. އަދި މަދަނީ މައްސަލަ ހުށަހެޅުމާއި، ރަޖިސްޓްރީކުރުމުން ފެށިގެން ޝަރީޢަތުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާއި، ރައްދު ދަޢުވާ އާއި އިތުރު ދަޢުވާ އަދި ޢައިރު ހާޟިރުގައި ހުކުމްކުރުމާއި ގުޅޭގޮތުން މައުލޫމާތު މައުލޫމާތު ދޭނެކަމަށް ޑީޖޭއޭއިން ވިދާޅުވެއެވެ.
މީގެ އިތުރުން ކޯޓު އަމުރާއި، ވަގުތީ އަމުރު ނެރުމާއި އަދި އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތައް ހިންގާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީ، ޢަމަލީ ސިފައެއްގައި މިކަންކަން ކުރާނެ ގޮތްތައް ކިޔައިދިނުމަސްވެސް ވަނީ ހަމަޖެހިފައެވެ.
Judicial Academy in partnership with @UNDPMaldives , with the support of @UKinMaldives is conducting the 12th round of trainings on the Civil Procedure Code. (3/6) pic.twitter.com/K4aZXyc3su
— Maldives Judiciary (@judiciarymv) December 3, 2022
މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހއ، ހދ، ށ، ނ، ޅ، ވ، މ، ފ، ދ، ތ، ލ، ޏ އަދި އައްޑޫ ސިޓީގެ ފަނޑިޔާރުންނާއި، ކޯޓުތަކުގެ މުވައްޒަފުންނަށް މިހާތަނަށް ވަނީ ސެޝަންތައް ނަގާދެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، މިތަމްރީން ޕްރޮގްރާމް ހިންގިފައިނުވާ ޖުޑީޝަލް ދާއިރާތަކަށް ވެސް މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ޑީ.ޖޭ.އޭއިން ވިދާޅުވެއެވެ.
މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާ މެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި، ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާ ބެހޭ އާންމު އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ ޤާނޫނެކެވެ.
މި ޤާނޫނުގެ މަޤްސަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.