ދުނިޔޭގެ ވިޔަފާރި

މެކްސިކޯގައި އެންމެ ކުޑަ އުޖޫރަ 20 އިންސައްތައަށް އިތުރުކުރަނީ


އެންމެ ކުޑަ އުޖޫރަ އަންނަ އަހަރު %20 އަށް އިތުރު ކުރުމަށް މެކްސިކޯގެ ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިން ތަމްސީލުކުރާ ފަރާތްތައް އަދި ސަރުކާރުން އެއްބަސްވުމަކަށް އައުމަށްފަހު ނިންމާނެ ކަމަށް އެކަމާއިބެހޭ އޮފިޝަލުން ބުނެފިއެވެ. ނަމަވެސް މި ފިޔަވަޅާއެކު އިންފްލޭޝަން އިތުރަށް މަތިވެދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެންމެ ކުޑަ އުޖޫރަ %20 އަށް އިތުރު ކުރުމުން ދުވާލަކު ގާތްގަނޑަކަށް 9.03 އެމެރިކާ ޑޮލަރުން 10.82 އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް މެކްސިކޯގެ ލޭބަރ މިނިސްޓަރު ލޫއިސާ މާރިއާ އަލްކާލްޑޭ ނޫސްވެރިންގެ ބައްދަލުވުމުއްގައި ވިދާޅުވިއެވެ. އަދި އެމެރިކާއާއި މެކްސިކޯ ބޯޑަރުގައި މަސައްކަތްކުރާ މީހުންގެ އެންމެ ކުޑަ އުޖޫރަ ދުވާލަކު 260 ޕެސޯއިން ދުވާލަކު 312 ޕެސޯއަށް އިތުރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ އެންމެ ކުޑަ އުޖޫރައަށް %20 އިތުރުކޮށްފައިވާއިރު، މެކްސިކޯގެ މިހާރުގެ ރައީސް ލޮޕޭޒް އޮބަޑޯ 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން އެންމެ ކުޑަ އުޖޫރަ ކޮންމެ އަހަރުކުވެސް ވަނީ އިތުރުކޮށްފައެވެ.

އެންމެ ފަހުން އެންމެ ކުޑަ އުޖޫރަ ބޮޑުކުރީ އިންފްލޭޝަނަށް ރިއާޔަތްކޮށް، ޚާއްސަކޮށް އަސާސީ މުދަލުގެ އަގު ބޮޑުވުމުން ކަމަށް ނޫސްވެރިންނާއި ވާހަކަދައްކަވަމުން ލޮޕޭޒް ވިދާޅުވިއެވެ. އަދި އިންފްލޭޝަން މަތިވުމުގެ އެއްވެސް ބިރުވެރިކަމެއް ނުފެންނަ ކަމަށްވެސް ލޮޕޭޒް ވިދާޅުވިއެވެ.

އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް މެކްސިކޯއަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، ތަކެތީގެ އަގުތައް ތިރިކުރުމުގެ ގޮތުން ބޭންކް އޮފް މެކްސިކޯއިން ވަނީ 2021 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން %10.0 އަށް އިންޓަރެސްޓް ރޭޓު މަތިކޮށްފައެވެ.

ލެޓިން އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ މެކްސިކޯގެ އިންފްލޭޝަން ނޮވެމްބަރު މަހުގެ ފުރަތަމަ ކުއާޓަރުގައި %8.14 އަށް އަރާފައިވާއިރު، މިއީ މީގެ މަހެއްހާ ދުވަސް ކުރިން ހުރި %8.53 އަށް ވުރެ ދަށް އަދަދެކެވެ.

އެންމެ ކުޑަ އުޖޫރަ ބޮޑުކުރުމުން ގާތްގަނޑަކަށް 6.4 މިލިއަން މަސައްކަތްތެރިންނަށް ފައިދާ ކުރާނެ ކަމަށާއި އެއީ މެކްސިކޯގެ ރަސްމީ ވަޒީފާގެ ބާރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމަށް މެކްސިކޯގެ ނޭޝަނަލް މިނިމަމް ވޭޖް ކޮމިޝަން، ކޮނާސާމީގެ ވެރިޔާ ލުއިސް މުންގިއާ ވިދާޅުވިއެވެ.

މެކްސިކޯގެ މުސާރަތައް އަދިވެސް އޮތީ އެމެރިކާގެ މުސާރަތަކަށްވުރެ ދަށުގައެވެ. އެމެރިކާއިން ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރައަކީ ގަޑިއަކު 7.25 އެމެރިކާ ޑޮލަރެވެ.