ޚަބަރު

އުސޫލުތައް އިސްލާހުކޮށް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދިރިއުޅުމަށް ބަދަލެއް


ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން "ހަޔަސް"ގެ ނަމުގައި ކުރިއަށްގެންދިޔަ ސަރވޭއަކުން ދެއްކިގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ 10މީހަކުން އެކަކީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހެކެވެ. އެއީ ރާއްޖޭގެ މުޅި އާބާދީގެ %9އެވެ. އަދަދުން ބަލާނަމަ 36000އަށްވުރެ ގިނަ މީހުންނެވެ.

އެންމެ ގިނައީ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އަދި ފެނުމުގެ ނުކުޅެދުންތެރިކަމާއި، އަމިއްލަ ކަންކަން ކުރުމުގައި އެހީތެރިކަން ބޭނުންވާ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި އަޑުއިވުމާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ގިނައެވެ.

ނުކުޅެދުންތެރިކަން ތަޙައްމަލުކުރާ މީހުންގެތެރެއިން %35މީހުންނަކީ އެއްބާވަތަށްވުރެ ގިނަ ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީއަކީ ރާއްޖޭގެ ބޮޑު އަދަދެކެވެ. މިއިން ކޮންމެ އަދަދަކުން ފެންނަނީ، މުޖުތަމަޢުގެ ކޮންމެ ކަމެއްގައި އެމީހުންނަށް ލިބެންވާ ޙައްގާއި ހަމަހަމަކަމެވެ. އެމީހުން ބައިވެރިކުރަންޖެހޭ މިންވަރެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުގައި ހަވާސާވެފައިވާ އޮތް އޮތުން ނައްތާލާ، އެފަދަ ފަރާތްތަކަށް ލިބެންޖެހޭ ޙައްގުތައް ކަށަވަރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤާނޫނަށް ގެންނެވި ބަދަލާ އެ މީހުންގެ އެލަވަންސް ބޮޑުކުރުމަށް ކުރާ މަސައްކަތެވެ.

2010 ވަނަ އަހަރު ވުޖޫދަށް އައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤާނޫނުގައި އުނިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތި ކުރާނެ ގޮތެވެ. މިފަދަ މީހުންނަށް ބޭނުންވާ އެހީ ދިނުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތަފާސް ހިސާބާއި، އެމީހުންގެ ހާލަތު ވަޒަން ނުކުރެވުމެވެ.

ނަމަވެސް މިޤާނޫނަށް އިސްލާހް ގެނެސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަނެ އެމީހުން ގިންތިކުރުމަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަނެ އެމީހުން ގިންތި ކުރުމުގެ އުސޫލްގެ ދަށުން ގިންތި ކުރެވޭނީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރީވެ، ޙާލަތުގެ ތަފްސީލީ މަޢުލޫމާތު ޙިއްސާކުރުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

އެގޮތުން މިހާތަނަށް މިޕޯޓަލްގައި 11000 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު އެމީހެއްގެ ނުކުޅެދުންތެރިކަން ހުންނަ މިނަށް ބަލާ އެންސްޕާއިން އެލަވަންސް، އިތުރުކުރާނެއެވެ.

"ތިން ކެޓަގަރީއެއް މީގެތެރޭގައި ހިމެނެނީ. އާދައިގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހުން، ބޮޑު ނުކުޅެދުންތެރިކަމެއް ހުންނަ މީހުން އަދި އެބަތި ވަރަށް ބޮޑަށް ނުޅެދުންތެރިކަން ތަޙައްމަލްކުރާ މީހުން. އެހެންވީމާ އުސޫލެއްގެ ދަށުން ކަނޑައެޅި، އެލަވަސްތައް ދެވިގެންދާނީ." މިިނިސްޓަރ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދަޢުލަތުން ދެމުން އަންނަނީ، މަހަކަށް 2000 ރުފިޔާގެ އިނާޔަތެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީގެ ފައިސާ، 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ އެއް މިންވަރެއްގައި ހިފަހައްޓައިގެންނެވެ.

ނަމަވެސް އަންނަ އަހަރުގެ ބަޖެޓުން މި ބަޔަށް ކުރެވޭ ހޭދަ %6 އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިޖުތިމާޢީ ދާއިރާއަށް 3.91 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވާއިރު އޭގެތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މީގެއިތުރުން ތަޢުލީމާއި ވަޒީފާގެ މައިދާނަށް އެފަދަ މީހުން ނެރުމަށްވެސް ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައި ތިބި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް ޢަމާޒުކޮށްވެސް އަންނަނީ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ދާންމަތިވެފައިވާ މީހުން ބަލަހައްޓާ މީހުންނަށް ޢަމާޒުކޮށް ކުރިއަށްގެންދާ ޕްރޮގްރާމްވެސް ހިމެނެއެވެ.

އަދި އާއްމު ތަންތަނާއި ޚިދުމަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލް ނުވަތަ އެމީހުންނަށް ބޭނުންކުރެވޭ ތަންތަނަށް ދަނީ ހަދަމުންނެވެ.