ޚަބަރު

ކޮލަމާފުށި މަގުތައް ތާރު އަޅައިގެން ތަރައްޤީކުރަން ފަށައިފި


ގއ.ކޮލަމާފުށީގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ.

ގދ.ކޮލަމާފުށީގެ މަގުތައް ޒަމާނީ ފެނަވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކުރީ މިއަހަރުގެ ކުރީކޮޅުއެވެ.

މި މަސައްކަތުގެ ދަށުން އެރަށުގެ 408 ކިލޯ މީޓަރު މަގުގައި ތާރުއަޅާ މަގުގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގު ބައްތި ޖެހުމާއި މަގުތަކުގެ ނިޝާންޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

އާރްޑީސީން މިހާރު ވަނީ މަގު ހެދުމުގެ މަސައްކަތް ޢަމަލީގޮތުން ރަށުގައި ފަށާފައެވެ. މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަންތަކާއި ހޮޅި ވަޅުލުމުގެ މަސައްކަތްކަމަށް އާރްޑީސީން ބުނެއެވެ. އަދި ބޭނުންވާ އިތުރު ކޭބަލް ޖަންކްޝަން ކާސްޓްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަށް 85،329،687.67 (އައްޑިހަ ފަސް މިލިއަން ތިންލައްކަ ނަވާވީސް ހާސް ހަސަތޭކަ އައްޑިހަ ހަތް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ޚަރަދުކުރުމަށްވަނީ ކަނޑައަޅާފައެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޮލަމާފުއްޓަކީ ވިއްސާރަ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހޭ ރަށެކެވެ. މަގުތައް އަޑިގުޑަންވުމާއި، ފެން ނުހިދި މަގުތައް ޗަކަވުމުގެ މައްސަލަވެސް އެރަށަށް ކުރިމަތިވެއެވެ.

އަދި ފެންބޮޑުވާއިރު މައްސަލަ ޙައްލުކުރަން ވެލި އެޅިނަމަވެސް މައްސަލައަށް ޙައްލު ނުލިބޭކަން އެރަށު ކައުންސިލުންވެސް ފާހަގަކުރެއެވެ.

އާބާދީގައި 1،668 މީހުން ދިރިއުޅޭ ގއ. ކޮލަމާފުށްޓަކީ ނިސްބަތުން ބޮޑު ރަށެކެވެ. ކޮލަމާފުށީގައި ސަރުކާރުން މިހާރުވެސް ޖުމްލަ 10 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.