ޚަބަރު

ޖީ-20 ގެ ރިޔާސަތަށް އިންޑިއާ ހޮވުމާގުޅިގެން ރައީސް މަރުހަބާ ވިދާޅުވެއްޖެ


"ގްރޫޕް އޮފް ޓުވެންޓީ"، ޖީ-20 ގެ ކުރިއަށް އޮތް އަހަރުގެ ރިޔާސަތަށް އިންޑިއާ ހޮވުމާގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާގެ ބޮޑުވަރީޒު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޖީ-20ގެ ރިޔާސަތަށް އިންޑިއާ ހޮވުމާގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރަށާއި، އިންޑިއާ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި، ޑިޕްލޮމެސީއާއި މަޝްވަރާތައް ކުރިއަރުވައި، ބައިނަލްއަޤްވާމީ ކަންކަމުގައި ހުރި ބޮޑެތި މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައިދެއްވުމަށް އިންޑިއާއިން އިސްނަގައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައިވެއެވެ.


ދުނިޔޭގެ އިޤްތިޞާދީ ބޮޑެތި ބާރުތަކުގެ މައްޗަށް އެކުލެވޭ ޖީ-20 ގެ ރިޔާސަތު އިންޑިއާއިން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ މިމަހުގެ 1 އިން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެމްބަރު 30 އާއި ހަމައަށެވެ. ޖީ-20 ޤައުމުތަކުގެ ރިޔާސަތު އެކުލަވާލާފައި އޮންނަ ގޮތުން، އިދާރީ މަސައްކަތް ކުރާނީ 3 ޤައުމެއް ގުޅިގެންނެވެ. އިންޑިއާއަކީ، އެންމެފަހުން އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދިޔަ ޖީ-20 އާއި އާރު-20 ޤައުމުތަކުގެ ބައްދަލުވުމުގެ ރިޔާސަތުގައި ހިމެނޭ، އިންޑޮނޭޝިއާ، އިޓަލީ ހިމެނޭހެން އެކުލަވާލާފައި އޮންނަ އިދާރީ މޭޒުގެ މެންބަރެކެވެ. އަންނަ އަހަރުގެ ސަމިޓުގައި އިދާރީ މޭޒު ބަލަހައްޓާނީ، އިންޑިއާގެ އިތުރުން، އިންޑޮނީޝިއާ އާއި ބްރެޒިލް އިންނެވެ.

ޖީ-20 ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބާއްވާ 18 ވަނަ ސަމިޓު އަންނަ އަހަރުގެ ސެޕްޓެމްބަރުމަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮންނާނެއެވެ. އަދި އިންޑިއާގެ ރިޔާސަތުގެ ދަށުން ޖީ-20 ޤައުމުތަކުގެ އެކި ފެންވަރުގެ ވެރިން ހިމެނޭ 215 ބައްދަލުވުން ބާއްވަން ވަނީ އަމާޒު ހިފާފައެވެ. ކުރިއަށްއޮތް 1 އަހަރަށް ޖީ-20 ގެ ތީމެއްގެ ގޮތުގައި އިންޑިއާއިން ކަނޑައަޅާފައިވަނީ "އެއް ދުނިޔެއެއް، އެއް އާއިލާއެއް، އެއް މުސްތަޤުބަލެއް" މި ޝިއާރެވެ.

"ގްރޫޕް އޮފް ޓުވެންޓީ" ޖީ20 ގައި ހިމެނެނީ 19 ޤައުމެކެވެ. އެއީ އާޖެންޓީނާ، އޮސްޓްރޭލިއާ، ބްރެޒިލް، ކެނެޑާ، ޗައިނާ، ފްރާންސް، ޖަރުމަނު، އިންޑިއާ، އިންޑޮނޭޝިއާ، އިޓަލީ، ޖަޕާން، ރިޕަބްލިކް އޮފް ކޮރެއާ، މެކްސިކޯ، ރަޝިއާ، ސަޢުދީ އަރަބިއްޔާ، ދެކުނު އެފްރިކާ، ތުރުކިއޭ، އިނގިރޭސިވިލާތް އަދި އެމެރިކާގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއެވެ. އަދި ގެސްޓު ޤައުމުތަކުގެ ގޮތުގައި 9 ޤައުމެއް ބައިވެރިވެއެވެ.

ޖީ-20 ގެ މެމްބަރުންނަކީ ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 85 އިންސައްތަ، ދުނިޔޭގެ ވިޔަފާރީގެ 75 އިންސައްތަ އަދި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ތަމްސީލުކުރާ ޤައުމުތަކެވެ.