ޚަބަރު

އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ތަޢުޒިޔާގެ ދަފްތަރުގައި ނާއިބު ރައީސް ސޮއިކުރައްވައިފި


ދިވެހި ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސޮއިކުރައްވައިފިއެވެ.

އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ޚާއްސަ ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. މި ދަފްތަރު ހުޅުވާފައިވަނީ ދިވެހި ބަހުގެ އެކެޑަމީއާއި ޤައުމީ ކުތުބުޚާނާ ގުޅިގެންނެވެ.

މި ދަފްތަރުގައި ޝުޢޫރުފާޅުކުރައްވާށާއި، ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:30 އަށް ދިވެހިބަހުގެ އެކެޑަމީގައި ދަފްތަރުގައި ސޮއިކުރުން ކުރިއަށްދާނެކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއެވެ.


އަންނަބީލާ ޙަބީބާ ހުސައިން ޙަބީބް އަވަހާރަވީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 92 އަހަރެވެ. އެކަމަނާ ވަނީ 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. މީގެތެރެއިންވެސް އެންމެ ގިނަ ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވަނީ ޤައުމީ ކުތުބުޚާނާގައެވެ.

29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ޤައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަޤާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައެވެ. ޤައުމީ ކުތުބުޚާނާގައި ޙަބީބާ ފުރުއްވި މަޤާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ޤަރުނުފޮތް ލިޔުމުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މަޢުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ޘަޤާފަތާބެހޭ މަޢުލޫމާތު އިނގިރޭސިބަހުން ދެއްވަމުން ގެންދަވާފައިވެއެވެ.

ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ޙަބީބާ ޙުސައިން ޙަބީބަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ނޫސްވެރިކަމުގެ ރަން ގަލަންވެސް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެކަމަނާއަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ދިވެހި ދައުލަތުން އަރުވާފައިވަނީ 2011 ވަނަ އަހަރުއެވެ.