ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކުރުމުން، ޚިދުމަތް ދިނުމަށް އަވަސްވާނެ: އެންސްޕާ


ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކުރުމަކީ، އެމީހުންގެ ޙާލަތު ދެނެގަނެވި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނެކަމެއްކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ސީއީއޯ މަރްޔަމް ޝަފީޤް ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް، އެމީހުންނަށް ދައުލަތުން ދެމުން އަންނަ އެލަވެންސް ބޮޑުކުރުމަށް ހިމަނާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ މަރްޔަމް ޝަފީޤް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކުރާނީ އެމީހެއްގެ ނުކުޅެދުންތެރިކަން ހުރި މިންވަރަށް ބަލައިގެން ކަމަށެވެ. އަދި އެކަން ކުރާނީ ޑޮކްޓަރުން މެދުވެރިކޮށް ކަމަށާއި، އެކަމަށް ޚާއްސަ ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މަރްޔަމް ޝަފީޤް ވިދާޅުވިއެވެ. އޭނާމް ވިދާޅުވީ ގިންތި ކުރުމުގައި ބަލާނެ ވަކި ކަންތައްތަކެއް ވެސް ހުންނާނެ ކަމަށާއި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މަރްޔަމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތި ކުރުމަކީ އެލަވަންސް ދިނުމުގެ އިތުރަށް، އެމީހުންނަށް އެތައް ފައިދާއެއް ވާނެ ކަމެއްކަމަށެވެ. މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަކިވަކި މީހުންގެ ތަފްސީލްތައް ހޯދަންކެހުންކަމަށާއި، ނަމަވެސް އެމީހުން ގިންތި ކޮށްފައި ހުރުމަކީ ބަލި މީހުން ދެނެގަނެވި، އެމީހުންނަށް ފަސޭހައި ޚިދުމަތްތައް ދެވޭނެ މަގެއް ކަމަށް މަރްޔަމް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން މަރްޔަމް ފާހަގަކުރެއްވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ގޮނޑިއާއި، ހިއަރިން އެއިޑް އަދި އެނޫންވެސް ކަންކަން ބޭނުންވެފައިވާ މީހުން އެކަމަށް އެދުމުގެ ކުރިން އެމީހުން ދެނެގަނެވި އެޚިދުމަތް ފޯރުކޮށްދެވުން އަވަސްވުމެވެ. މަރްޔަމް ވިދާޅުވީ އެމީހުންނަށް ލިބޭ އެލަވަންސްތައް ބޮޑުކުރުމަކީވެސް ގެނެވޭ އެންމެ މުހިންމު އެއް ބަދަލުކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދެމުން އަންނަނީ 2000 ރުފިޔާގެ އެލަވަންސެކެވެ.

ރާއްޖޭގެ އާބާދީގައި 36000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ބޮޑުކުރުމަށް ނިންމަވާފައިވާކަން މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޢިއުލާންކުރައްވާފައެވެ. އެ ބަދަލު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުން މި ބަޔަށް ކުރެވޭ ހޭދަ މިއަހަރަށްވުރެ %6 އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިއްބައިދީ މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، މާލީ އެހީ ފޯރުކޮށްދިނުމާއި، ތެރަޕިއުޓިކް ފަރުވާގެ އެހީ ދިނުމާއި، އެސިސްޓިވް ޑިވައިސް ބޭނުންވާ ފަރާތްތަކަށް އެފަދަ ތަކެތި ހޯދުމަށް އެހީތެރިވެދިނުމާއި، ސައިކޮލޮޖިކަލް އެސެސްމެންޓް ހަދައި ދިނުމުގައި އެހީތެރިވެދިނުންފަދަ އެހީތައް ހިމެނެއެވެ.