ޚަބަރު

އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންތައް އޮންނާނީ އަހަރުގެ މެދުތެރޭގައި


އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު، އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް މެދު ތެރޭގައިކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަވަސްއަވަހަށް އިސްތިއުފާދެއްވާތީ، ކައިރިކައިރީގައި ގިނަ ބައި-އިލެކްޝަންސްތައް ބާއްވަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަން އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ވަނީ ފާހަގަކުރައްވާފައެވެ.

އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ނަމަވެސް އެ އިޞްލާހު ގެނައުމުގެ ކުރިން،އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. އެކަން ބަދަލުކޮށް، ޤާނޫނަށް ގެނައި އިޞްލާހުގައި ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ ހާލަތުގައި 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށެވެ. އަދި ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް އައު އިސްލާހުގައި ބުނެފައިވެއެވެ.


ޤާނޫނަށް ގެނައި މިބަދަލާއިއެކު އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކުގެ ގަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ދަނީ ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ގާނޫނަށް ގެނައި ބަދަލާއިއެކު އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ކޮންމެ އަހަރަކުވެސް ބާއްވާނެ ތާރީޚަކާއިމެދު މަޝްވަރާ ކުރެވި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭގެ ލަފާވެސް ލިބިފައިވާކަމަށެވެ.

ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން ބައްވާނީ އިލެކްޝަނުން ބާއްވާ އެހެން އެއްވެސް އިންތިޚާބަކަށް ފުށު ނާރާނެ ގޮތަށްކަމަށާއި، އެގޮތުން އަންނަ އަހަރުގެ މެދު ތެރޭގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި ގަވާއިދަށް ގެނައި ބަދަލާއިއެކު އަންނަ ހަފްތާގައި އިންތިޚާބު ބާއްވާނެ ތާރީހު ގެޒެޓް ކުރެވިގެންދާނެކަމަށް ހަސަން ވިދާޅުވިއެވެ.

ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން ފާއިތުވި ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކުރައްވާފައިވެއެވެ.